ޑޮލަރުގެ އަގު އުފުލެމުން ދަނީ މި ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެެ ޗެއަރޕާސަން ފައްޔާޒް މިހެން ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރުޖެހުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވަނީ ޑޮލަރު ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ހާމަކުރައްވާފައެވެ.
އަދި ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެ ވާހަކަތައް ދިވެހިން ދައްކާނެ، ކަމަށާއި ނޫސްތަކުން ލިޔާނެ ކަމަށް ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރަން ކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން މި ސަރުކާރުން ނޯތު ކޮރެއާގެ ހާލަތަށް ރާއްޖެ ވައްޓާލާފައިވާ ކަމަށާއި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނަކަށް ތަބާނުވުމަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.