މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށް 1 މަސްތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ވަގުތީ މާރުކޭޓެއް ހަދައި، އެއް މަސް ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާކަމަށެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށް، މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

އިމާރާތް އަޅަން ހަމަޖެހިފައިވަނީ 15،525 އަކަފޫޓުގެ ޖާގައިގައި ކަމަށް ވީއިރު ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ.

އިމާރާތުގެ އެންމެ ތިރި، (ބޭސްމަންޓް) ތަރައްޤީކުރަނީ 400 ސައިކަލަށް ޕާކު ކުރެވޭ ޖާގައާއެކުއެވެ. އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރަނީ ކެފޭ/ރެސްޓޯރަންޓްގެ ކޮންސެޕްޓަށް ފުޑް ކޯޓެއްގެގޮތުގައެވެ.ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް 1 އަހަރާ 8 މަސް ތެރޭގައި ނިންމުމެވެ.