ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، 1.2 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް މާލީ ވުޒާރާއިން ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި ޓީ-ބިލްތަކުގެ ތެރޭގައި އެކި މުއްދަތުތަކުގައި އަނބުރާ ދައްކާ ގޮތަށް ހަތަރު ބާވަތެއްގެ ބިލް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެއް މަސް (28 ދުވަސް)، ތިން މަސް (98 ދުވަސް)، ހަ މަސް (182 ދުވަސް) އަދި އެއް އަހަރު (364 ދުވަސް) ދުވަހުގެ މުއްދަތަށް ދޫކުރާ ޓީ-ބިލްތައް ހިމެނެއެވެ.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ކަނޑައެޅިފައިވަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ.
ޓީ-ބިލް ނުވަތަ ޓްރެޜަރީ ބިލަކީ ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށްޓަކައި ދިވެހި ރުފިޔާއިން ވިއްކާ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެކެވެ. މިގޮތުން ރާއްޖޭގައި އާންމުކޮށް ޓީ-ބިލް ގަންނަނީ ޕެންޝަން ފަންޑާއި، ވިޔަފާރި ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ބޮޑެތި ކުންފުނިތަކުންނެވެ.