ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ފަތުރުވެރިންގެ އަތުން ވައިގެ ދަތުރުތަކަށް ނަގާ އަގު ކުޑަކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާ ގޮތުން، މި ނިންމުން ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
މޯލްޑިވިއަން އިން ވަނީ، އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ، ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު މިދިޔަ އޭޕްރީލް މަހު ބޮޑު ކޮށްފަ އެވެ. އެގޮތުން، މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ދަތުރުތަކަށް ފަތުރުވެރިންނަށް ޓިކެޓް ވިއްކާ އަގަށް 33 ޑޮލަރު (510.18 ރުފިޔާ) އޭރު މޯލްޑިވިއަނުން ވަނީ އިތުރުކޮށްފަ އެވެ.
މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު އޭރު ވިދާޅުވެފައި ވަނީ ބޭރު މީހުންނަށް ވިއްކާ ޓިކެޓްގެ އަގުބޮޑު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްފިއުލް ވިއްކާ އަގު ބޮޑުކުރަމުން ގެންދާތީ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި 67 އިންސައްތައިގެ އަގުބޮޑުވުމެއް އައިސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވެފައިވާ އިރު، ރާއްޖޭގައި ޖެޓްފިއުލްގެ އަގު ވަނީ 1.19 ޑޮލަރުން 1.99 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނުގެ ރައްދުގައި، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް އިންސައްތަ ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ މުޅިންހެން ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް މަތިވެ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގްތިސާދަށް ވަނީ ކޮށްފަ އެވެ.
ނަމަވެސް އޭގެކުރިން ވެސް މޯލްޑިވިއަންއިން ފަތުރުވެރިންނަށް އެތެރޭގެ އުދުހުންތަކުގެ ޓިކެޓް ވިއްކަނީ ދިވެހިންނަށް ވިއްކާ އަގަށް ވުރެ ބޮޑުކޮށެވެ.