ސާފުތާހިރުކަން ކުޑަކޮށް، ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ކާބޯތަކެތި ގެންގުޅޭ މައްސަލާގައި އެކަން އިސްލާހުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެ ތަނުގެ ވެރިފަރާތަށް އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ސާފުތާހިރުކަން ކުޑަކޮށް، ބިންމަތީގައި ސަތަރި އަޅައިގެން ސަތަރި މަތީގައި މަސްހިއްކަން ބަހައްޓާފައިވާ މަންޒަރު ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް، ބަލަހައްޓަން އުޅުމުގެ ތެރޭގައި ފެނިފައިވާ ކަމަށް ބުނެފަ އެވެ.

އެގޮތުން، އެކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ރަސްމީކޮށް ހުށަހެޅުމަށް ފަހު، އެ އިދާރާއާ ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ހުރި އެފަދަ ތަންތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނީ، އެތަނުން ފާހަގަވި ކަންކަން އިސްލާހުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ މަނާކަމެއް ކަމަށް ވާތީ ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތުން އެކަން އެގޮތަށް ނުކުރުމަަށް އިލްތިމާސް ކޮށްފަ އެވެ.