ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯގެ އިދާރީ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް މޮބައިލް އެޕެއް ލޯންޗްކޮށްފި އެވެ.

ވެމްކޯ އިން އާންމު ކޮށްފައިވާ ގޮތުގައި، ވެމްކޯ އެޕް މިހާރު އެޕް ސްޓޯރުންނާއިި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އެޕް ބޭނުން ކުރެވޭނީ، އީފާސް މެދުވެރިކޮށް ރަޖިސްޓްރީވެގެން ކަމަށްވެސް ވެމްކޯއިން ބުނެ އެވެ.

ވެމްކޯއިން ބުނީ އެޕާ އެކު ވެމްކޯއިން ހޯދާ އެންމެހާ އިދާރީ ހިދުމަތްތައް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދޭނެ ކަމަށެވެ. އެގޮތުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް ރިކުއެސްޓް ކުރުމުގެ ކަންކަން ވެސް އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭ އިރު، ހިދުމަތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާ ނަމަ، އެކަމަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.

ވެމްކޯއިން އިތުރަށް ބުނީ، އެ ކޯޕަރޭޝަނުގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް، އެ ކޯޕަރޭޝަނުގެ އެޖެންޓުންނާ އެޕުން ޗެޓް ވެސް ކުރެވޭނެ ކަމަށެވެ. އެގޮތުން ރަޖިސްޓްރީ ކުރާ މައްސަލަތަކާއި، މައްސަލަތައް ގޮސްފައިވާ ހިސާބުތައް އަދި ކޮށްފައިވާ މުއާމަލާތްތައް ވެސް އެޕުން ފެންނާނެ ކަން ވެމްކޯއިން ވަނީ ހާމަ ކޮށްފަ އެވެ.