މޯލްޑިވްސް ޕާލް ރެސިޑެންސް ޕްރޮގުރާމާ އެކު ދޫކޮށްލެވެނީ ދައުލަތަށް ވަންނަން އޮތް 6 ބިލިޔަނެއްހާ ޑޮލަރު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މޯލްޑިވްސް ޕާލް ރެސިޑެންސް ޕްރޮގުރާމުގެ ނަމުގައި ބިދޭސީންނަށް ދިރިއުޅުމުގެ ދާއިމީ ހުއްދަ ވިއްކުމުގެ ސިޔާސަތު، ވަގުތުން މެދުކަނޑާލައި، އެ ޕްރޮގުރާމާ ގުޅޭ އެންމެހާ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ހާމަ ކުރުމަށް ސަރުކާރަށް ފޮނުއްވާފައިވާ ގާރާރުގެ ބަހުސްގައި ޝަމްހީދު ވިދާޅުވީ އެ ޕްރޮގުރާމް ދޫކޮށްލާ އިރު، ލިބޭ އެއްޗެއް މަޖިލިސް މެމްބަރުންނަށް ކިޔާދޭން ޖެހޭނެ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މާލިއްޔާތު ކޮމިޓީ އަށް އަދި މަޖިލީހުގެ 241 އަށްވެސް އެ މައުލޫމާތުތައް އެނގެން ޖެހޭ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ފެންނަ ފެނުމަށް މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިއީ ވަރަށް ބޮޑަށް ދައުލަތަށް ގެއްލުން ލިބިދާނެ ޕްރޮޖެކްޓެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ޝަމްހީދު ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދިވެހި ރައްޔިތުންނަށް މި ޕްރޮޖެކްޓާ ގުޅިގެން ދެތިން ކަމެއް އޮޅުވާލައްވާފއިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި އާންމުކޮށް މި ހިންގާ ރެސިޑެންސް ވިސާ ޕްރޮގުރާމަކީ ގޯސް އެއްޗެއް ކަމަށް ދެކި ނުލައްވާ ކަމަށާއި، ރާއްޖެއަސް އިންވެސްޓު ކުރާ މީހުންނަށް ރެސިޑެންސް ވިސާ ދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
ނަމަވެސް އެސްއީޒެޑަކީ ރާއްޖެއިން ވަކިކޮށް، ބޯޑަރު ކަނޑާފަ ބަޔަކަށް ދިނުން ކަން ފާހަގަކުރައްވާ ޝަމްހީދު ވަނީ އޮޅުވާލަން ނޫޅެން އެދިލައްވާފަ އެވެ.