ރަޝިއާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މޮސްކޯގެ ރަޝިޔާ ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރޭވް ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ހިމެނޭ ގޮތަށް، އެ ގައުމުގެ އިސް ވެރިންނާއި ފަތުރުވެރިކަމާ ގުޅުން ހުރި ވިޔަފާރިތަކާ ބައްދަލުކުރެއްވުމަށް ވަޒީރު ރަޝިއާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ. އެ ދަތުރުގައި ވަނީ ރަޝިޔާގެ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އެއްބަސްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއޭސީއެލް ވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. މިހާރު ދޭ ޚިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރު ދަތުރުތައް މެދުކެނޑުމެއްނެތި ކުރެވޭނެ ގޮތްތަކާއި މެދުވެސް މަޝްވަރާ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށާއި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ރާއްޖެ އިޝްތިހާރުކުރުމާއި ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އިތުރު އެއަރލައިން ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަން އެމްއޭސީއެލްއިން ވަނީ ފާހަގަކުރައްވާފައެވެ.