ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދެވަނަ ދައުރު ދެވަނަ ފަހަރަށް ދިގު ދަންމާލައިފިއެވެ.
މިދައުރު ދިގު ދަންމާލާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. މަޖިލީހުގެ ދައުރު ދަންމާލުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުން ވޯޓު ދެއްވިއިރު 9 މެމްބަރަކު ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ މިހިނގާ ދައުރު ދިގު ދަންމާލަން އެންމެ ފުރަތަމަ ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެއީ މިހަފްތާގެ ބުރާސްފައްޗާ ހަމައަށެވެ. ނަމަވެސް މިއަދު މިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ދައުރު ދިގު ދަންމާލަން ފާސްކޮށްފައެވެ.
އާންމު ގޮތެއްގައި މަޖިލީހުގެ ދައުރު ދިގު ދަންމާލާނަމަ އެކަން ޖަލްސާ ފަށަމުން ރިޔާސަތުން އިއުލާންކުރައްވައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެކަން ރިޔާސަތުން އިއުލާންކުރައްވާފައެއްނުވެއެވެ.
މި ދައުރު ދަންމައިލީ، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިޚްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށްކަމަށް ބެލެވެއެވެ.
މީގެއިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަވެސް މިމުއްދަތުގެ ތެރޭގައި ކުރިޔަށްގެންދާނެކަމަށް ބެލެވެއެވެ.