ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާއެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށް އެ ދިރާސާގެ ރިޕޯޓު އާންމުކޮށްފިއެވެ.
އޭސީސީން ބުނީ، މި ދިރާސާގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާ ޖަމާޢަތްތަކުން ފައިސާ އަދި ފަންޑު ހޯދާ ގޮތާއި، މުދަލާއި ފައިސާ ބަލަހައްޓައި ހަރަދުކުރާގޮތް ބެލުމާއި، ކުޅިވަރު އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުގެ ގާނޫނީ އަދި މުއައްސަސީ އޮނިގަނޑު އެކުލެވިފައިވާ ގޮތް ދެނެގަނެ އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށެވެ. އަދި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމަކީ މަގްސަދެއް ކަމުގައި އޭސީސީން ފާހަގަކުރެއެވެ.
އޭސީސީން ބުނީ، މި ދިރާސާއަށް މައުލޫމާތު ހޯދުމަށްޓަކައި ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މާލީ ނިޒާމާގުޅޭގޮތުން ލިބެންހުރި ލިޔެކިޔުންތައް މުރާޖަޢާކުރުމުގެ އިތުރުން، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ކަމާބެހޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދިފައިވާ ކަމަށެވެ.
މިދިރާސާގެ ނަތީޖާގައި މާލީ ޖަވާބުދާރީކުރުވުން ހީނަރުވުމާއި ކްލަބް ޖަމުޢިއްޔާތަކުގެ ދަށުން ހިންގާ އެކަޑަމީތައް ރެގިއުލޭޓް ނުކުރެވުމުގެ މައްސަލައާއި ނުފޫޒު ފޯރުވުމާއި މަސްލަހަތު ފުށުއެރުން އަދި ގަވަރނަންސް ހަރުދަނާ ނުވުމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ހިރާސްތަކަށް އަލިއަޅުވާލައި އެމައްސަލަތައް އިސްލާޙް ކުރުމަށް 18 ލަފާ ހިމަނާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެގޮތުން ފާހަގަކުރެވޭ މައިގަނޑު ލަފާތަކުގެ ތެރޭގައި، މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ހަރަދުތައް ހާމަކުރުން ގާނޫނުން ލާޒިމްކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިންގ ފްރޭމްވަރކެއް އެކުލަވާލުމަށް ލަފާދީފައިވެއެވެ. އަދި ގަވާއިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިޢުކުރުން ލާޒިމްކުރުން ވެސް އެ ރިޕޯޓުގައި ހިމެނެއެވެ.
މީގެއިތުރުން، އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށްވެސް އޭސީސީން ހުށަހަޅާފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެެވެ.
އޭސީސީން ބުނީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ނިޒާމު ހަރުދަނާކޮށް، މަގާމުތަކަށް ނަޒާހަތްތެރި އަދި ގާބިލް ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ރިޕޯޓުގައި ބާރުއަޅާފައިވާނެ ކަމަށެވެ.
މީގެ އިތުރުން އޭސީސީން ބުނީ، ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަރޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށްވެސް އެ ރިޕޯޓުގައި ލަފާދީފައި ވާނެ ކަމަށެވެ. އަދި ކުޅިވަރާބެހޭ ގާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕަރފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ވެސް އިރުޝާދު ދީފައިވާނޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.