ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅުންހުރި ވަރަށް ގިނަ މައުލޫމާތު މިހާރު ވަނީ ހޯދާ ލިބިފައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިހާރު ކުރިޔަށްދަނީ ހެކިތަކާ ގަރީނާ ތަކުގެ ދިރާސީ މަސައްކަތްތައް ކަމަށާއި، އަދި ތަޙްގީގް ފުރިހަމަ ކުރުމަށް ބޭނުންވާ އިތުރު ހެއްކާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދަމުންދާ ކަމަށެވެ.

މީގެ އިތުރުން ބޭނުންވާ އެންމެހައި މައުލޫމާތު ވަރަށް އަވަހަށް ހޯދައި ނިންމާލެވޭނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެ ކޭސްގެ ތަހުގީގަށް ބޭނުންވާ މައުލޫމަތު ހޯދުމަށް ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އަށް އެ ކޮމިޝަނުގެ ތަހުގީގު ޓީމެއް ވަތް ގޮތަށް މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިކަން އެޗްއާރްސީއެމް އިން ހާމަކޮށްފައިވާ އިރު، ދައުލަތަށް ކުއްޖަކު ނެގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނެގޭނޭ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ވަނީ ބުނެފަ އެވެ.