ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ސުޕާ މެޖޯރިޓީ ދިނީ ރައްޔިތުން ކަމަށާއި، މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި އެކި މައްސަލަތަކުގައި ގޮތް ނިންމަނީ ރައްޔިތުން ޕީއެންސީއަށް ދީފައިވާ އަޣުލަބިއްޔަތުން އެ ތާއީދު ލިބިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިފަދައިން ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާގެ ބޭރު ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރި ގޮތުގައި، ސަރުކާރުން ބޭނުންވާ ބިލުތައް އެއްވެސް ދިރާސާ ކުރުމެއް ނެތި ހުށަހަޅައިގެން އަވަސް އަރުވާލައި ފާސްކުރުމުން އޭގެ ގެއްލުން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު މަޖިލީހަށް ފޯރުމަކީ، ކަންބޮޑުވުމެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރިޔާސަތުން ނުވަތަ ކޮމިޓީތަކުން ވަކި ގޮތަކަށް ކަންކަން ނިންމަން މަޖުބޫރު ނުކުރާ ކަމަށާއި، މެންބަރުން ބަހުސްކުރެއްވުމަށް ފަހު އަޣުލަބިއްޔަތުން ފާސްކުރާ ނިންމުންތަކަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީއެންސީއަށް ދިނުމަށް ރައްޔިތުން ނިންމި ނިންމުމުގެ ނަތީޖާ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކުރިޔަށް ގެންދާނަމަ، އިދާރީ މޭޒުގައި ތިއްބަވާ ގާނޫނީ ބޭފުޅުންގެ ފަރާތުން އެކަން ހުށަހަޅާނެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ރިޔާސަތުން ގޯހެއް ހަދާފައިވާ ކަމަށް ސެކްރެޓޭރިއަޓުން އަންގާފައި ނުވާ ކަމަށާއި މެންބަރުންނަކީ ޒިންމާދާރު ބަޔަކަށްވެ، ރައްޔިތުންނަށް ހަގީގަތާ އެއްގޮތަށް މައުލޫމާތު ދޭންޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.