ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް "ބޭރު ފައިސާއާބެހޭ ޤާނޫނު" އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މި ބިލު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ވަނީ ބިލަށް އިތުރު އިސްލާހެއް ނުގެނެސް ފާސްކުރުމަށް ނިންމާފައެވެ.
އެގޮތުން އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަށް ޖަމާކުރުން ލާޒިމްވާ ފަރާތްތަކާއި، ބޭރު ފައިސާއިން ލިބޭ އާންމުދަނީ މާރު ކުރަންޖެހޭ ފަރާތްތަކުގެ މިންްގަނޑު މުރާޖާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށް ވަނީ ބަޔާންކޮށްފަވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން ބޭރުފައިސާ ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު ލުއިކުރުމާއި، ޤާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ ވެސް މި ބިލުގެ މަގްސަދެކެވެ.
މި އިސްލާހުގައިވާ ގޮތުގައި ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި، ބޭރު ފައިސާ މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.
ފައިސާ ޖަމާކުރާ ބޭންކު އެކައުންޓް ވާންވާނީ، އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އެގޮތުން ފައިސާ ޖަމާކުރާ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން، އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި އިސްލާހުގައި، ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތަކުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 100 އިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކުން މާރުކުރަންޖެހޭނީ މަހެއްގެ މައްޗަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ 7 އިންސައްތަ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އިސްލާހުކުރާ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހު ގެންނަންވާނެ ކަމަށްވެސް "ބޭރު ފައިސާއާބެހޭ ޤާނޫނު"އަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.