ޅ. ހިންނަވަރު ފިހާރައަކުން ހަ ކާޓޫނު ސިނގިރޭޓް ވަގަށްނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ 2026 އޮގަސްޓު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހިންނަވަރު ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޮގަސްޓު 16 ވަނަ ދުވަހުގެ ހެނދުނު އެ މައްސަލަ ހުށަހެޅުމާއެކު، ވައްކަންކުރި މީހާ ދެނެގަނެ އަދި ފިހާރައިން ވަގަށްނެގި ތަކެތި ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން ކުރެވުނު މަސައްކަތުގައި، ފިހާރައާއި އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ އޭނާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން އޭނާ ވަގަށްނެގިކަމަށް ބެލެވޭ ފަސް މޯބައިލްފޯނާއި، ހަ ކާޓޫނު ސިނގިރެޓާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ތަރިފިޔަޖަހާގެ / ޅ. ހިންނަވަރު، ރިފްނާޒު މޫސާ (39އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.