ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަހާސިންތާ އިފްތިތާޙު ކޮށްދެއްވާފައި ވަނީ އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި މަހާސިންތާގެ މި އަހަރުގެ ޝިއާރަކީ "ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، މުއާމަލާތްކުރުމުގެ ދާއިރާއަށް އައިސްފައިވަ ބަދަލުތަކުގެ އިތުރުން ދުނިޔެއާ މެދު ދެކޭގޮތްވެސް ދަނީ ބަދަލުވަމުންކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސްއާއި، ބަޔޯޓެކްނޮލޮޖީ އަދި ޑިޖިޓަލް ޓެކްނޮލޮޖީ ފަދަ ކުރިއެރުންތަކުން، މީގެ ދިހަވަރަކަށް އަހަރު ކުރިން ހީވެސް ނުކުރާ ފަދަ ފުރުސަތުތައް މިއަދު ވަނީ ފަހިވެފައިކަމަށް އެކަމަނާ ވިދާޅުވިއެވެ. ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ އީޖާދީ މަސައްކަތްތަކުގެ އަސްލު މާނައެއް އޮންނާނީ، އެކަމުގެ ސަބަބުން ކުޑަކުދިންގެ ތައުލީމު ކުރިއަރައި، ޞިއްޙީ ޚިދުމަތް ފުޅާވެ، ޒުވާނުންނަށް ފުރުސަތުތައް އިތުރުވެ، އިޖުތިމާއީ ގުޅުންތައް ބަދަހިވެ، ތިމާވެށި ހިމާޔަތްކުރެވި، އަދި އާންމު އާއިލާތަކުގެ ދިރިއުޅުމަށް ލުއިފަސޭހަކަން ލިބުމުން ކަމަށެވެ.
ރާއްޖެއަަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްތައް ކަނޑުގެ ސަރަހައްދުތަކުން ވަކިވެފައި އޮތް ނަމަވެސް، އެ ދުރުމިނަކީ ގުޅުން ބަދަހިކުރުމަށް އޮތް ހުރަހަކަށް ނުވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ އެހީގައި އެ ދުރުމިން ކުޑަކޮށް، ރަށްރަށަށް އިލްމު ފޯރުކޮށްދީ، ޒުވާނުން ދުނިޔެއާ ގުޅުވައިދީ، އިޤްތިޞާދީ އައު ފުރުސަތުތައް ހުޅުވައިދީ، ދިވެހިންގެ ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އޮގަސްޓު 17 އިން 19 އަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ދިރާސާ ކަރުދާސް ހުށަހެޅިގެންދާ ފަހަރެވެ. އެގޮތުން، ދުނިޔޭގެ 25 ޤައުމަކުން ޖުމްލަ 330 ދިރާސާ ކަރުދާސް މިފަހަރު ހުށަހަޅާފައިވެއެވެ.
މި ކޮންފަރެންސްގައި ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އައު އީޖާދުތަކާއި ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސައިންސާއި ސިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، އަދި އިޤްތިޞާދާއި ދުނިޔޭގެ ސުލްޙަމަސަލަސްކަމާ ގުޅޭ ދާއިރާތައް ހިމެނެއެވެ.
މި ސެޝަންތަކުގައި ރާއްޖެއާއި ބޭރުގެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދިރާސާވެރިންގެ އިތުރުން އެކި ކުންފުނިތަކުގެ ޢިލްމީ ހޯދުންތައް ހުށަހަޅާނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށް ވީނަމަވެސް، މިފަދަ މަހާސިންތާތަކުގެ ޒަރީއާއިން އުފައްދާ ޢިލްމާއި ދިރާސާތަކުގެ ފައިދާ ރާއްޖޭގެ އިމުން ބޭރަށް، މުޅި ދުނިޔެއަށް ފޯރާނެ ކަމަށެވެ. އަދި މިއީ ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކާއި ސިޔާސަތުތަކަކީ ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ހެދުމެވެ.