ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަމަށާއި، މި ސަރުކާރު އައި ފަހުން ނަގާފައި ވަނީ 4،938 މުވައްޒަފުން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ދައުލަތުގެ މުސާރަ މެނޭޖުކުރުން ކަމަށެވެ. އެގޮތުން މުވައްޒަފުން އިތުރުވުމަކީ އިކޮނޮމީ މެނޭޖުކުރުމާއި ބަޖެޓްގެ ތެރެއިން ހަރަދުތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުންފުނިތައް ރައިޓް ސައިޒް ކުރަނީ އެ ގޮންޖެހުން ހައްލު ކުރުމަށް ކަމަށާއި، ރައިޓް ސައިޒް ކުރާއިރު ގިނަ މުވައްޒަފުން ވައްދާފައި ހުރި ދުވަސް ވަރެއްގެ މުވައްޒަފުން ރިޑެންޓެޑް ވެސް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއްވެސް ގޮތަކުން އަޅުގަނޑުމެން ކުރިން ދެންނެވިހެން ވަކި ގޮތަކަށް ބަލައިގެންނެއް ނޫން މިކަން ގެންދާނީކީ. ރިޑެންޑެންސީގެ ތެރެއިން އެ މީހަކު ކުރާ މަސައްކަތަކާއި އެމީހަކު ކުރަންޖެހޭ މަސައްކަތަކާއި އަޅާބަލާއިރު އަދި ރިޑެންޑެޓް ކުރާއިރު ވެސް އަޅުގަނޑުމެން ކޮންމެހެން އެބޭފުޅުން ދޫކޮށްލާނީކީ ނޫނޭ. އެބޭފުޅަކަށް ފުރުސަތު ދޭނަމޭ ކާއެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތަކާއި ކާން މަސައްކަތް ކުރާނެ މަސައްކަތެއް އަޅުގަނޑުމެން އެބޭފުޅުންނަށް ފަހިކޮށްދޭނަމޭ

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު

އެކި ދުވަސްވަރު ކުންފުނިތަކަށް މީހުން ވައްދާފައިވާ ގޮތުގެ ރިކޯޑުތައް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ބައްލަވާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 2018 ވަނަ އަހަރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ. އެކަމަކު 2019 އިން 2023 ވަނަ އަހަރަށް އެ އަދަދު 100 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ވަޒީރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި 36،729 މުވައްޒަފުން ކުންފުނިތަކުގައި ތިބި ކަމަށެވެ. ނަމަވެސް 2024 އިން ފެށިގެން މިހާތަނަށް މި ސަރުކާރުގައި ވައްދާފައިވާ 4،938 މުވައްޒަފުންނާ އެކު މިހާރު ތިބި މުވައްޒަފުންގެ އަދަދަކީ 41،667 ކަމަށް ވަޒީރު ވިދާޅުވި އެވެ.