އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީގެ މަގާމަށް 26 މީހުން ހޯދަން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއުލާނުކޮށްފިއެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

މި މަގާމަށް ހޮވޭ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5000 ރުފިޔާ ލިބޭ އިރު މަގާމުގެ އެލަވަންސްގެ ގޮތުގައި 4660 ރުފިޔާއާއި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ. މީގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާ އެއްގޮތަށް ކޮއްތު ފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ފައިސާ ވެސް ލިބޭނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ތިން ގޮތަކުން ފުރުސަތު ދީފައިވާއިރު، އޭގެ ތެރޭގައި ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ޑީ ފާސް ލިބުމާއެކު ދިވެހި މާއްދާއިން ސީ ފާސް ލިބިފައިވުން ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް ތިނެއްގެ ސަނަދެއް އޮތުމާއެކު ދިވެހިން ސީ ފާސް ލިބިފައިވުން ހިމެނެއެވެ. އަދި ރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްއާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް މި މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކުރަން ޖެހޭނެއެވެ.

ކަސްޓަމްސްއިން ބުނީ އެ މަގާމަށް އެދި ހުށަހަޅަން ޖެހެނީ އެ އިދާރާގެ ވެބްސައިޓުގައިވާ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު ދޭއް ޖަހާއިރެވެ. ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ފެންވަރަށް ބެލުމަށްފަހު ފިޒިކަލް ފިޓްނަސް ޓެސްޓެއް ބާއްވާނެއެވެ. އަދި އެ ޓެސްޓުން ފާސްވާ ފަރާތްތަކަށް ޕްރެޒެންޓޭޝަނަކާއި އިންޓަވިއުއެއް ބާއްވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.