ގްރޭޓަރ މާލެ ސަރަހައްދުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވައިފިއެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޭއްވި މި ސެޝަނަކީ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ބޭންކިންގ ހައްލުތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އެ ބޭންކުން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

އެގޮތުން މި ބައްދަލުވުމުގައި ބީއެމްއެލްގެ ބިޒްނަސް ބޭންކިންގ، ބިޒްނަސް ކާޑު، މަރޗަންޓް ސޮލިއުޝަންސް އަދި ބޭންކުން ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ފޯރުކޮށްދޭ އެކި އުފެއްދުންތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން، ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދިނުމުގެ ޚާއްޞަ ބައެއްވެސް މި ސެޝަނުގެ ތެރޭގައި ކުރިއަށްދިޔައެވެ.

މި ސެޝަނާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ، މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސެޝަންތަކުން ވިޔަފާރިވެރިންނާ ބައްދަލުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ މިއީ އެއްފަހަރު ބާއްވާ ނިންމާލާ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ ސިލްސިލާކޮށް ސީރީޒެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންތަކެއް ކަމަށެވެ.

މިފަދަ ސެޝަންތަކުގެ ސަބަބުން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ބޭންކުން ދެމުންދާ އެއްބާރުލުން އިތުރަށް ހާމަވެގެންދާ ކަމަށާއި، ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ބޭނުންކުރުމުގެ މަގު ފަހިވެ، ބެންކާއި ވިޔަފާރިތަކާ ދެމެދުގެ ގުޅުން ހަރުދަނާވެގެންދާނެކަން ބީއެމްއެލް އިން ފާހަގަކުރެއެވެ.