ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވައިފިއެވެ.
މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވެވި، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސް ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމްޕީބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާޙުކޮށްދެއްވާފައެވެ.
އެމްޕީބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ.
އެ ބޭންކުގެ މަޤުޞަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ.
އެމްޕީބީގެ ޚިދުމަތްތައް ފަރުމާކުރެވިފައި ވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރެއެވެ.
މިރޭގެ ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް އާއި، އެމްޕީބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންނާއި، ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.