ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ އިން ބުނީ، ނޭކުރެންދޫގައި ޤާއިމުކުރާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނުގެ އެހީއާއި، ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ލިމިޓެޑްގެ ޖޮއިންޓް ވެންޗާރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމް ޓެސްޓުކޮށް ކޮމިޝަން ކުރުމުގައި އެ މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން، ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި އެ ރަށު ކައުންސިލުން ވެސް ބައިވެރިވެފައިވެއެވެ.
މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫޢުގެ ދަށުން، ފެން ޓެސްޓުކުރެވޭ އިކްއިޕްމެންޓްތަކާއެކު، ލެބޯޓަރީއަކާއި، އޮފީސް ޖާގަ ހިމެނޭނެހެން، 30 ކިލޯވޯލްޓްގެ ސޯލަރ ޕެނަލް ހަރުކޮށްފައި ވެއެވެ. އަދި އާރު.އޯ ޕްލާންޓުގެ އިމާރާތެއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރު.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓެންކާއި، 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއިއެކު ސްވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއްވެސް ޤާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން، އެ މަޝްރޫޢުގެ ދަށުން 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި، 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގަ އަޅާފައިވާއިރު، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން، ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ޗެކްޕިޓް ބެހެއްޓުމާއި، ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކޮށް ނިންމާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.