ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ފުޅާކުރުމަށް އިތުރު 10 ސަރަހައްދެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރުވެސް ވަނީ ހދ، ށ، ރ، އަދި މ. އަތޮޅާއި ތ. އަތޮޅުގައި މެރިކަލްޗާ ޒޯނު ތަރައްގީ ކުރުމަށް ނިންމާފައެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި އިތުރު ސަރަހައްދުތަކެއް ވަނީ މެރިކަލްޗާ ޒޯނު ތަރައްގީކުރަން ހުޅުވާލާފައެވެ. އެ ޒޯނުތަކަކީ ތ. އަތޮޅުގެ ދެ ޒޯނަކާއި، މ. އަތޮޅުގެ ތިން ޒޯނަކާއި، ފ. އަތޮޅުގެ ދެ ޒޯނަކާއި ދ. އަތޮޅުގެ ދެ ޒޯނުގެ އިތުރުން ގދ. އަތޮޅުގެ ޒޯނެކެވެ.

ސަރުކާރުން މީގެ ކުރިން ބުނީ މެރިކަލްޗާގެ ވިޔަފާރިތައް ގާއިމްކުރަން ހެޗަރީތައް ހަދައި، ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް ފޮރިން އިންވެސްޓްމަންޓް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ. އަދި މެރިކަލްޗާ އާލާކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ވެސް ކަނޑައަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މަސައްކަތުގެ ދަށުން މާލެ އަތޮޅުގެ ދެކުނުން ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަަހައްދަކީ ކޮމާޝަލް ސްކޫލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގަން ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނެއެވެ.

ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފާނަ އާލާކުރުމުގެ މަސައްކަތްތައް ކޮށްފައެވެ.