"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަނުން މައުލޫމާތުތަކެއް ލީކުކޮށްލި ކަމަށް ތުހުމަތުވާ މުވައްޒަފުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މާލެ ޓެކްސީ އެޕްލިކޭޝަންގައި ޚިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، އެޕްލިކޭޝަންގެ ޚިދުމަތް މުޅިން މެދުކެނޑުމަށްފަހު، ސޯޝަލް މީޑިއާގައި ބައެއް މައުުލޫމާތުތައް ވަނީ ލީކުވެފައެވެ.

އެގޮތުން އާންމުވި މައުލޫމާތުތަކުގެ ތެރޭގައި، އެ އެޕްލިކޭޝަން ބޭނުންކުރި އާންމުންގެ ނަމާއި، ފޯނު ނަންބަރާއި، ވޮލެޓް އައިޑީ އަދި އީމެއިލް އެޑްރެސް ހިމެނެއެވެ. އެކަމާގުޅިގެން އެމްޓީސީސީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލުގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފަކުކަން، އެ ކުންފުނިން ކުރި އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާއި ނުލައި، އަމިއްލަ، ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަން އެމްޓީސީސީން ފާހަގަކޮށްފައި ވެއެވެ.

މިގޮތުން އެ މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށާއި، އޭނާއާމެދު، ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.

މާލެ ޓެކްސީ އެޕުގެ ބެކްގްރައުންޑް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސް ރައްކާތެރިކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީސީން ވަނީ ކަސްޓަމަރުންނަށް ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމަށްވެސް ބުނެފައެވެ.

ތިމާވެއްޓާ ރަށްޓެހި 150 އިލެކްޓްރިކް ވެހިކަލާއެކު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް "މާލެ ޓެކްސީ ލައިން" އިފްތިތާހުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ރޭގައެވެ.