ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އަދި މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަަށް ހަރުދަނާކޮށް އިތުރަށް ތަަރައްގީކުރަން ނެޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމްކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
އަލަަށް ހުށަހަޅާ އެ ގާނުނުގެ 15 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރަން ހިމަނާފައިވާ މާއްދާގައިވާ ގޮތުން ރާއްޖޭގެ ގައުމީ ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމެއް އެެއީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައެޅުމުގެ ބާރު އެމްއެމްއޭ އަށް ލިބޭނެއެވެ. މިގޮތުން އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެ އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައަޅާފައިވާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށެވެ.
މީގެ އިތުރުން އެ ބިލުގައިވާ ބަދަލުތައް ގާނޫނަށް ގެނެސް، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ނެޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި، ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބައިވެރިވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.