ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީއަށް ލުޔެއް ދިނުމަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައި ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ. އެގޮތުން މި ބިލު ފާސްކުރުމަށް ފެންނަކަމަށް 64 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އެ ބިލުގައިވާ ގޮތުން 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ކޮތަޅު ފީ ނެގުމުން އިސްތިސްނާވާނެއެވެ. އަދި މި އިސްލާހުގެ ސަބަބުން ވިޔަފާރިތަކުން ގަނޑުކޮށް ކޮތަޅު ގަންނައިރު ތަކުރާރުކޮށް ފީ ދައްކަން ޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

އެ ބިލުގައި ވާގޮތުން އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލަން ޖެހެއެވެ. އަދި ކުނި މެނޭޖްކުރާއިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތް ކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުމުގެ އިތުރުން، ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާ ގުޅޭ މުހިންމު އިސްލާޙުތަކެއް ވެސް އެ ބިލުގައި ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި ހިނގާ އަހަރުގެ މިހާތަނަށް 2،011،421 (ދެ މިލިއަން އެގާރަ ހާސް ހަތަރުސަތޭކަ އެކާވީސް) ރުފިޔާ ވަނީ ޕްލާސްޓިކު ކޮތަޅުން އާމްދަނީގެ ގޮތުގައި ލިބިފައެވެ.