ރިސޯޓު ކުއްޔާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުން އަންނަ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަ ނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން އެ ފަރާތްތަކުގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން، އެ ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކާ ހަލާސްކުރުމަށްވެސް އެ މިނިސްޓްރީން އަންގާފައިވެ ވެއެވެ.

އެހެންނަމަވެސް އެ ފަރާތްތަކާމެދު އަޅަނީ ކޮން ފިޔަވަޅެއް ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައެއް ނުވެއެވެ. މިނިސްޓްރީން އަޅާނެ ވަކި ފިޔަވަޅެއް ހާމަކޮށްފައި ނުވި ނަމަވެސް ޓޫރިޒަމް ގާނޫނުގައިވާ ގޮތުން، ކުލި ނުދައްކާ ރިސޯޓުތައް ޖޫރިމަނާކޮށް ދައުލަތަށް އެ ރިސޯޓެއް ނެގޭނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެބިއު އޮތޯރިޓީ (މީރާ) ގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާ އިން ހަ ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެ އިތުރުން، ރިސޯޓު ކުލީގެ އިތުރުން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެފައިވާއިރު، ނޯޓިސް ދީގެންނާއި އެކައުންޓު ފްރީޒްކޮށްގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ފައިސާގެ ތެރެއިން ދެ ބިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.