ދައުރު ނިމިގެންދާއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ހިމެނޭހެން އެކި މަސައްކަތްތަކުގެ ފުރިހަމަ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތަ އަށް އިތުރުކުރުމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ބޭރު މީހުން އަތުން ނަގާ ޓެކްސް ބޮޑު ކުރާއިރު ކުއްލިއަކަށް ބޮޑު ނުކުރެވޭނެ ކަމަށާއި ކަންކަން ހިނގަންޖެހޭނީ މަޑު މަޑުން ކަމަށެވެ. އެގޮތުން މިހާރު އެދަނީ 5 އިންސައްތައިން 10 އިންސައްތަކަމަށް މެންބަރު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު 25 އިންސައްތަ ޓެކްސް ބޮޑުކުރާ ވާހަކަ ވިދާޅުވި ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ 25 އިންސައްތައަށް ވެސް ދާންވީ ކަމަށާ އެހެންނަމަވެސް ކުއްލިއަކަށް އެހިސާބަށް ދާން ނުވާނެ ކަމަށެވެ. ސަލީމް ވަނީ މިދިޔަ ސަރުކާރުތަކުން މި ޓެކްސްތައް ބޮޑު ކުރަން ނުކެރުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މެންބަރު ވިދާޅުވީ، މި ދައުރު ނިމޭއިރު ދިވެހިންނަށް މަސައްކަތަކުގައި ބާރުވެރި ކަން ލިބިގެން ދާނެކަމަށެވެ.

ހަގީގަތުގައިވެސް ބައެއް ބޭފުޅުން ދެއްކި ވާހަކައިގައި ވިދާޅުވޭ އެބަ. ހަގީގަތުގައި ވެސް އެ މަސައްކަތަށް އެބަދޭ. އެމީހުން މަސައްކަތް ކުރަން އަންނަ ގޮތަށް އައިސް އެ ސައިޓުގައި ތިބެ އެންމެފަހުން އާންމުންގެ ގެތަށް ހަދާހިސާބަށް ވެސް އެބަދޭ

މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް

މީގެއިތުރުން ސަލީމް ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކީ ކިތަންމެ ފައިދާހުރި ބިލެއް ކަމުގައި ވީނަމަވެސް، އެއީ ގޯސް އެއްޗެއްގެ ގޮތުގައި ދެއްކުމަށް އިދިކޮޅު މެންބަރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮންމެ ބިލެއް ކޮންމެ އެއްޗެއް އަންނައިރަށް އަޅުގަނޑުމެން މިއޮތީ ސިޔާސީ ކޮށްލާފަ. ގޯހޭ ކިޔާފަ. ކިތަންމެ ރަނގަޅު އެއްޗެއްވެސް ޤުރުއާން މިތަނަށް ގެނެސް ތިދައްކަނީ ގޯހޭ. އެންވީމަ އެ ލެވެލްއަށް ނުދާށޭ. އެމީހުން ފެންވަރަށް ނުވެޓިވެސް މަޖިލީހުގައި އުޅެވޭ ކަށެއް ނެތް. އެހެންވީމައި އަޅުގަނޑުމެން ވާހަކަ ދައްކާއިރުގައި ވަރަށް ސާފުކޮށްއެބަ އިނގޭ ބޭރު މީހުން އަތުން ނަގާ ޓެކުހެއް ބޮޑު ކުރަނީ ކަން.

މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް

އެ ލެވެލްއަށް ނުގޮސް ބިލުގައި ހުރި މާއްދާ ތަކާއި މެދު ވިސްނަން ވާނެ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ މަޖިލިހަށް އަންނަނީ ހިތަށް އެރިހާ އެއްޗެއް ގޮވން ނޫން ކަމަށެވެ. އެހެންނަމަވެސް ސަލީމް ވަނީ ބައެއް ފަހަރު އެބަޔަކު ގޮވީމަ ހިތަށް އެރި އެއްޗެއް ގޮވަންޖެހޭ ހާލަތު އަންނަ ކަމަށާއި އެހާލަތު އައުމުން އެހާލަތަށް ނުގޮސް ވާކަށް ވެސް ނެތް ކަމަށެވެ.