ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރުހުންދީފިއެވެ.
އެލްޖީއޭގެ ބޯޑަށް މަޖިލީހުން ޢައްޔަންކުރައްވާ މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މި މަހުގެ 10ވަނަ ދުވަހުއެވެ.
ރައީސް މުޢިއްޒު ފޮނުއްވާފައި ވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.
އެގޮތުން މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަމެވެ. ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަމެވެ.
މިއަދު ކުރިއަށްދިޔަ ލާމަރުކަޒީ ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައި ވަނީ، އެ ދެ ބޭފުޅުންނާއި އިންޓަރވިއުކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75އިން މަތިން މާކްސް ލިބިފައިވާތީ، އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރުމަށެވެ.
އެގޮތުން އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއެވެ. އެއާއެކު އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.