ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީ، ޒަމާނުއް ސުރެ ކުރިއަރަމުން އައިސް މި ސަރުކާރު އައި ފަހުން އެއްކޮށް އެ ފުނޑުނީ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހަށް ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތަ އަށް އިތުރުކުރުމަށް ޕީއެންސީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ ހާއްސަކޮށް ކުދި ކޮންޓްރެކްޓަރުން މިއަދު އެއްކޮށް ގޮސްފައިވާ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ދައުލަތުގެ ކުދި ކޮންޓްރެކްޓު ނުވަތަ ކައުންސިލްތަކުން ހިނގާ 4 މިލިއަން، 5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުވެސް މިއަދު ދެނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ކަމަށެވެ. އެހެންކަމުން 5 އިންސައްތަގައި ހުރި ޓެކްސްއެއް 10 އިންސައްތައަށް ބޮޑުކޮށްގެން ދިވެއްސަކަށް ފުރުސަތެއް އިތުރުވާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މި ދިވެހި ރާއްޖޭގައި އެބަ ހިނގާ ދެތިން ހަތަރު މިލިއަން ޑޮލަރުގެ ކޮންސްޓްރަކްޝަން ރިލޭޓެޑް، ހާއްސަކޮށް ޓުވަރިިޒަމް ރިލޭޓެޑް ކޮށް މަސައްކަތް، މީގެން ކޯއްޗެއްތޯއޭ ދިވެހި ކޮންޓްރެކްޓަރަކަށް ލިބޭނީ، ކިހިނެތްތޯއޭ ބޭރުގެ ކޮންޓްރެކްޓަރުންނަށް ބޭނުން ވަރަކަށް ބޭރުން މީހުން މިތަނަށް އެތެރެކޮށްގެން މަސައްކަތް ކުރަން މި ފުރުސަތު މި ލިބެނީ،"

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވަނީ، ދިވެހި ވިޔަފާރިވެރިންނަށް ކޯޓާ ނުލިބިގެން އުޅޭއިރު، ބޭރު މީހުންނަށް ހިތުހުރި ވަރަކަށް ކޯޓާ ލިބޭ ސިޔާސަތެއް އޮތުމާއި، އިމްޕޯޓް ޑިއުޓީ ދެއްކުމުގައި ދިވެހިންނާއި ބޭރު މީހުންނާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

ޝަމްހީދު ވިދާޅުވީ، ބޭރު މީހުން ޕްރޮޖެކްޓްގެ ނަމުގައި ޑިއުޓީ ފްރީކޮށް މެޝިނަރީ އެތެރެކުރާއިރު، ދިވެހި ކޮންޓްރެކްޓަރުން ޖެހެނީ ބޮޑު ޑިއުޓީއެއް ދައްކަންކަމަށާއި، މި މައްސަލައިގެ ވާހަކަ މާލިއްޔަތު ކޮމިޓީގައި އެތައް ފަހަރަކު ދެއްކި ނަމަވެސް ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ކޮމިޓީން އެކަމަށް ހައްލެއް ހޯދައިދީފައި ނުވާކަމަށެވެ.

މީގެ އިތުރުން، ދިވެހިންނަށް ހަގީގީ ފުރުސަތުތަކެއް ހޯދައިދޭން ބޭނުންނަމަ، ރިސޯޓު ކޮންސްޓްރަކްޝަން އަދި އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކުގެ މަދުވެގެން 30 އިން 50 އިންސައްތަ މަސައްކަތް ދިވެހިންނަށް ސަބް ކޮންޓްރެކްޓް ކުރަން މަޖުބޫރުކުރާ ގޮތަށް ގާނޫނުތަކާއި ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ، މިފަދަ ހަރުދަނާ ބަދަލުތަކެއް ނުގެނެސް، ހަމައެކަނި ޓެކްސް ރޭޓަށް ބަދަލު ގެނެސްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި ދިވެހި ވިޔަފާރިވެރިންނަށް އެއްވެސް ކުރިއެރުމެއް ނާންނާނެ ކަމަށެވެ.