ތަކުރާރުކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 1-257 ވަނަ މާއްދާގެ (ޅ) އުނިކުރުމަށް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ވަނީ އާންމު ކޮމިޓީއަށް ފޮނުވާފައެވެ.
އުނިކުރަން ހުށަހަޅާފައިވާ މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި ހިމެނޭ ފިޔަވަޅެއް އަލުން އެޅުމަށް ގޮވާލާ އެއްވެސް ވާހަކައެއް އެހެން ޕެޓިޝަނެއްގައި ހިމެނިފައި ނުވުމަށާއި މާއްދާ އުނިކޮށްފިނަމަ، އެއް މައުޟޫއެއްގައި އެއްފަހަރަށްވުރެ ގިނަ ޕެޓިޝަން މަޖިލީހަށް ހުށަހެޅުމުގެ ދޮރު ހުޅުވިގެންދާނެއެވެ.
މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެންނަން މި ހުށަހެޅީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން ޕެޓިޝަންތަކެއްގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި 2،100 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ޕެެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ.
އެ ބިލަކީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ. ބިލު ފާސްކުރި ނަމަވެސް، ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުތަކުގެ އިޚްތިޞާސްގައިވާ ބިންތައް ކައުންސިލުން ކަނޑައަޅައި ނިންމާ ގޮތެއްގެ މަތިން ބޭނުންކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލުތަކަށް އޮންނާނެ ކަމަށް ވެސް، އެ ބިލުގައިވެއެވެ.
މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ބިލު ފާސްކުރުމަށް ގޮވާލާވެސް ވަކި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެ ޕެޓިޝަނުގައި މިހާތަނަށް ގާތްގަނޑަކަށް 850 މީހުން ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް މިހާރު އޮތް ގަވާއިދުގެ ދަށުން އެއް މައްސަލައެއްގައި ދެވަނަ ޕެޓިޝަނެއް ހުށަނޭޅޭތީ، މަމްދޫހު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެނަމަ އެ ހުރަސް ނެތިގެންދާނެ އެވެ.
މި ޕެޓިޝަންގައި ބުނެފައިވަނީ މި އިސްލާހަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ޤާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާހަކަށް ވާތީ ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ކަމަށެވެ.