ދިވެހި ވިޔަފާރިވެރިންނަށް ބޭރުގެ ވިޔަފާރިވެރިންނާ ވާދަކުރެވޭނެ ހަމަހަމަ ފުރުޞަތެއް ޤާނޫނަކުން އަދި ކަށަވަރު ނުކޮށްދެވޭ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މަތިވެރި ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ވާހަކަދައްކަވަމުން މެންބަރު މަމްދޫޙް ވިދާޅުުވީ، ދިވެހިރާއްޖޭގެ ވިޔަފާރީ ވެރިންނާއި ބޭރުން ވިޔަފާރި ކުރާ ފަރާތްތައް ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ޓެކްސް ނެގުމުގައި ހުރި ފުށުއެރުންތަކާއި ތަފާތުކުރުން މި އިސްލާހުގެ ތެރެއިން ނައްތާލެވޭނެ ކަމަށެވެ.
މިކަން ކަމަށް ހައްލެއް ލިބިގެން ދަނީ މިފަދަ އިސްލާހުތަކާއި އެކީގައި ވާދަވެރި މާހައުލެއް ވިޔަފާރީ ތެރޭގައި އުފައްދައި، ހަމަހަމަކަމާއެކީ ދިވެހި ރާއްޖޭގެ ކުންފުނިތަކުން ރާއްޖޭގެ ޓެކްސް ނިޒާމުގެ ތެރެއިން މިރާއަށް ދައްކަމުންދާ ޓެކުހާއި ކުލި ފަދަ ކަން ކަމުގައި ބޭރުގެ ފަރާތްތަކާއި އެއް ހަމައެއްގައި މަސައްކަތް ކުރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްކުރެވިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.
ދިވެހިންނަށް އިސްކަމެއް ދީގެން މަސައްކަތް ކުރި އެއްވެސް ސަރުކާރެއް ނުފެންނަ ކަމަށް ވިދާޅުވެ މަމްހޫދު ވަނީ އަދުގެ ސަރުކާރުގެ ތަފާތުކަމަކަށް ވަނީ ރައީސުލްޖުމަހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުނަށް ވައުދު ވިފަދައިން ރާއްޖެއަކީ ދިވެހިންގެ ރާއްޖެއެއްކަން ކަށަވަރު ކޮށްދިނުމަށް ދިވެހި ވިޔަފާރީ ވެރިންނަށް އިސްކަން ދީގެން ބިލް ހުށަހެޅުން ކަމަށެވެ.
މެންބަރު ވަނީ އިއްޔެ މިޖިލީހަށް ހުށަހެޅި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ބިލަކީ ބޭރުގެ ވިޔަފާރީ ވެރިން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ބޭރުގައި ނަގަމުން ދިޔަ ފައިދާގެ ތެރެއިން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފައިދާއެއް ނުވާގޮތަށް ކުރަމުން ދިޔަ ވިޔަފާރީ ތަކުން ފައިދާއެއް ރާއްޖޭއަށް ލިބޭނެ މަގަށް ގާނޫނަށް އިސްލާހު ހުށަހެޅުން ކަމަށެވެ. ހަމައެފަދައިން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅިގެން ދިޔައީ ވެސް ހަމަ އެފަދައިން ކަމަށެވެ.