ގދ. ފަރެސްމާތޮޑާ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން އެ ރަށަށް 18 ހެކްޓަރު އިތުރުކުރަން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ.

ފަރެސް-މާތޮޑާއަކީ 1990ގެ އަހަރުތަކުގައި ވަކިން އޮތް ދެ ރަށް ކަމަށްވީ އިރު، އެއީ އެއް ރަށެއްގެ ގޮތުގައި ހަމަޖެއްސީ 2007 ވަނަ އަހަރެވެ.

142.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް މުހައްމަދު ސޮބާހު މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ފެށީ 15 އޮގަސްޓުގެ ހަވީރު ކަމަށެވެ.

ސޮބާހު ވިދާޅުވީ، ވަކިން އޮތް ދެ ރަށް އެއްކޮށްލަން ކުރިން ހިއްކާފައި އޮތް ނަމަވެސް އެއްކޮށް ނުގުޅުވައި ގާތްގަނޑަކަށް 15 ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް އޮތް ކަމަށެވެ. އަދި މިހާރު ހިއްކަނީ ދެ ރަށް ދޭތެރޭގައި އޮތް އެ ސަރަހައްދު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފަރެސްމާތޮޑާގެ ބިން ހިއްކައި، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށްވީ އިރު، އެހެން ރަށްތަކެކޭ އެއްގޮތަށް އެ ރަށުގެ ބިން ހިއްކާނީ، ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ އިތުރުން އިގްތިސާދީ ބޭނުންތަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި މަޝްރޫއުގެ ދަށުން، 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.67 މިލިއަން ރުފިޔާއަށެވެ.