ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތަ އަށް އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް ބިލު ހުށަހެޅުއްވީ ވެރިކަން ކުރާ، ޕާޓީ، ޕީއީއެންސީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ކަމަށްވީ އިރު، އޭނާ ހުށަހަޅުއްވާފައި ވަނީ "އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމަށެވެ.

އެ އިސްލާހު ހުށަހެޅުއްވީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމަށެވެ.

ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް ދައްކާފައިވާނަމަ، އެގޮތުން ވިތުހޯލްޑިން ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް މިހާރު އޮތް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރު ކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުނި ނުކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

ސަރުކާރުން މި މާއްދާއަށް ދެ އަކުރު އިތުރުކުރުމަށް ހުށަހަޅާފައިވާ އިރު، މިހާރު ގާނޫނުގައި އޮތްނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން އުނިކުރާ އަދަދަކީ ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރަިހަމަ އަދަދު ކަމަށް ބެލެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ހިމަނައިގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ %10 ދައްކަންޖެހޭނެ ކަމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވެ އެވެ. މިހާރު ގާނޫނުގައިވާ ގޮތުން އެފަދަ ކޮންޓްރެކްޓަރުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަންޖެހެނީ އެ ލިބޭ ޖުމްލަ ފައިސާގެ 5 އިންސައްތަ އެވެ.

މި އިސްލާހާއެކު ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާވެސް ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން މި އިސްލާހާ ގުޅިގެން އަހަރަކު އެވްރެޖުކޮށް ދައުލަތުގެ އާމްދަނީއަށް 251 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ލަފާކޮށްފައިވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.