ވިލިމާލެ ބަނދަރު ޑިނގީ ޖެޓީ ހެދުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އަށް ހަވާލު ކޮށްފި އެވެ.

ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ މުއްދަތުގެ ތެރޭގައި، 3،689 ސީބީއެމް ވެލި ބަނދަރު ތެރެ އަދި ނެރު ފުންކުރުން، 74 މީޓަރުގެ އެއްގަމު ވާޓަރު ގާއިމްކުރުން (ރޭމްޕާއި ސިޑި ހިމަނާފައި)، 3 މީޓަރުގެ ބޮޑުހިލަ ރިވެންޓްމެންޓް، އަދި 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާގެ އިތުރުން 74 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީ އެއް ގާއިމު ކުރުމަށެވެ.

މީގެ އިތުރުން، މިއަދު ވަނީ ވިލިމާލެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެގޮތުން އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ، 180 ދުވަހުގެ ތެރޭގައި، 1.1 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް މުއްސަނދިކުރުން (ވެލިއެޅުން)، 150 މީޓަރުގެ ބޮޑުހިލަ ރިވެންޓްމެންޓް، 181 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ އަދި ކުރިން ހަދާފައި ހުރި ބްރޭކްވޯޓާގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނުގުމަށެވެ.

އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރަތުން ސޮއި ކުރެއްވީ، މިނިސްޓާ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައީދު އެވެ.