ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤުގެ ބޭނުމަށް، ޒަހާއާ ބައްދަލުކޮށް އޭނާގެ ކޭސްއާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ކޮމިޝަން ގެ ޓީމެއް މިއަދު ނޮޅިވަރަންފަރަށް ޒިޔާރާތްކޮށް ޒަހާގެ ކޭސްއާ ގުޅޭ މުއައްސަސާތަކާއި، ވަކި ވަކި މީހުންނާ ބައްދަލުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުން ހޯދުމުެ މަސައްކަތް ފައްޓައިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން ޒަހާއާ ބައްދަލުކޮށް ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތު މިއަދު ހޯދާފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ.
އެޗްއާރުސީއެމް އިން ބުނީ، އެ ކޮމިޝަން ގެ ޓީމުގެ މަސައްކަތް މިރެޔާ މާދަމާވެސް ކުޅުދުއްފުއްޓާ ނޮޅިވަރަންފަރު ގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، އެ ކޭސްގެ ތަހުގީގަށް ބޭނުންވާ މައުލޫމަތު ހޯދުމަށް ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އަށް މިއަދު ހެނދުނު 9:30 ހާއިރު އެ ކޮމިޝަނުގެ ތަހުގީގު ޓީމެއް ވަތް ގޮތަށް މަސައްކަތް އަދިވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިކަން އެޗްއާރްސީއެމް އިން ހާމަކޮށްފައިވާ އިރު، ދައުލަތަށް ކުއްޖަކު ނެގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނެގޭނޭ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ވަނީ ބުނެފަ އެވެ.