ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް، މުޖުތަމައުގައި ދަތި އުނދަގޫ އަދި ފަގީރު ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ އެޖެންސީން ހާމަކޮށްފިއެވެ.
އެންސްޕާއިން މިއަދު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓަމުންދާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ދަށުން، 98 ބެލެނިވެރިއަކަށާއި 132 ކުޑަކުދިންނަށް ވަނީ އެ އެޖެންސީގެ އެހީ ފޯރުކޮށްދީފައެވެ.
އެގޮތުން މި ބައިން އެހީގެ ގޮތުގައި ޖުމްލަ 181،000 (އެއްލައްކަ އަށްޑިހަ އެއްހާސް) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ދަށުން 3,313 މައިންނާއި ބަފައިންނަށް އަދި 5,687 ކުޑަކުދިންނަށް ވަނީ މާލީ އެހީތެރިކަން ދީފައެވެ.
ހަމައެހެންމެ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ދަށުން އަލަށް 207 މައިންނާއި ބަފައިން ރަޖިސްޓްރީ ކޮށްފައިވާއިރު، މި އެހީއަށް ޖުމްލަ 17,061,000 (ސަތާރަ މިލިއަން ފަސްދޮޅަސް އެއްހާސް) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ކާބޯތަކެތި ގަތުމަށް ދަތިވެފައިވާ ފަގީރު އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ މާލީ އެހީގެ ދަށުން، 659 ފަރާތަކަށް ވަނީ ޖުމްލަ 26,360 (ސައްބީސް ހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ ދޫކޮށްފައެވެ.
އެންސްޕާގެ ދަށުން ހިންގާ އެހީގެ ޕްރޮގްރާމްތަކަކީ ދިރިއުޅުމުގެ ހާލަތު ދަށް، މުޖުތަމައުގައި ދަތި އުނދަގޫ ހާލުގައި އުޅޭ އާއިލާތަކަށް މާލީގޮތުން އެހީތެރިވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.