ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސްކީމްތަކުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްވައިފިއެވެ.
ެއެގޮތުން ސީޕީ ޒަރީރު މި ޔަގީންކަން ދެއްވާފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި، ކަރެކްޝަންސްގެ އަހަރީ ދުވަސް، މި އަހަރުގެ ޤައުމީ ދުވަސް އިއްތިފާގުން އެއްދުވަހަކަށްވީތީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ހިތްވަރުގަދަ ބަޠަލުންތަކެއް ކުޑަ ވަސީލަތްތަކަކާއެކު ދޯންޏެއްގައި ދަންވަރު މާލެ އަރައި ޤައުމު ސަލާމަތްކުރި ފަދައިން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުމުގައި މަދު ވަސީލަތްތަކަކާއެކު ފަރުދާގެ ފުރަގަހުގައި އޮފިސަރުން ޖަލު ބެލެހެއްޓުމަށް ކުރަމުންގެންދާ ހީވާގި އަދި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.
އަދި ވޭތުވެ ދިޔަ އަހަރު ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރެވި، ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ.
ހަމައެހެންމެ ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނަކާއި ބެގެޖް ސްކޭނިންގ މެޝިން ބެހެއްޓިފައިވާ ކަމަށާއި 2015 އިން ފެށިގެން ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ސީޕީ ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކަރެކްޝަނުގެ މުވައްޒަފުންނަށް ސަރުކާރުގެ ސްކީމްތަކުން ބޯހިޔާވެހިކަން ލިބޭނެކަމަށް ކަށަވަރުވެފައިވާ ކަމަށްވެސް ސީޕީ ޒަރީރް ވިދާޅުވިއެވެ. ކޮމިޝަނަރުގެ ވާހަކަފުޅު ނިންމަވައިލެއްވެވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެއާއި ދުވާލު ވަމުންދާ ޤުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އޮފިސަރުންނަށާއި މުވައްޒަފުންނާއި ޢާއިލާތަކުގެ އިތުރުން ވޭތުވެދިޔަ 55 އަހަރު ދުވަހު ކަރެކްޝަންސްއަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ތަހުނިޔާ ދަންނަވަމުންނެވެ.
ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރ ގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު ޢަބްދުއްރަހްމާން، އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަލްއުސްތާޛާ ޢާޝަޔަތު ޝިޢުނާ، ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.