ދައުލަތުގައި ހިފަހެއްޓުމެއް ނެތްނަމަ ދިވެހި ރާއްޖޭގައި ޑޮލަރު މައްސަލައެއް ހައްލެއް ނުވާނެ ކަމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، މި ގާނޫނުގެ ތެރެއިން ދިވެހި ރާއްޖެއަށް އިންތިހާއަށް ގިނައިން ޑޮލަރު ވަދެފައިވާކަމަށެވެ. 2023 ވަނަ އަހަރު ދައުލަތަށް ޓެކުހާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 950 މިލިޔަން ޑޮލަރު ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، 2025 ވަނަ އަހަރު ނިމުނު އިރު 1.46 ބިލިޔަންގެ ޑޮލަރު ދައުލަތަށް އާމްދަނީއާއި ޓެކުހުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ، އެއީ 56.4 އިންސައްތަ ނުވަތަ 536 މިލިޔަން ޑޮލަރު ޓެކުހުގެ ގޮތުުގައި މަޖިލީހުގައި ފާސްކުރި ގާނޫނުގެ ތެރެއިން ދައުލަތަށް ވަދެފައިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ޑޮލަރު މާރު ކުރުމަށް ހެދި ގާނޫނު ތަންފީޒު ކުރީ މިދިޔަ އަހަރު ކަން ފާހަގަކުރައްވާ މެންބަރު ވަނީ މިދިޔަ އަހަރު އެކަނިވެސް 500 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންވީމަ މިދިޔަ އަހަރު އެބައިނޭ ދައުލަތަށް 1 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ދައުލަތަށް ވަދެފަ. ވީއިރު އަޅުގަނޑުމެންނަށް ކީއްވެތޯއޭ މި މައްސަލަ. މިއަދު 22 ރުފިޔާއަށް 23 ރުފިޔާއަށް ޑޮލަރު އަރާގެން މިއުޅެނީ. އެހެންވީމަ އަދި އަޅުގަނޑުމެން މީގެ މަތި މައްޗަށް މިއަދު ބަހުސް ކުރާ ގާނޫނުގެ ތެރެއިން އިތުރަށް ގާނޫނު ގެނައިސް

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު

އެގޮތުން މެންބަރު ވަނީ ޑޮލަރު 22 ނުވަތަ 23 ރުފިޔާ އަށް އަރާކަމަށް ވަނީ ނަމަ ސަރުކާރުން ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ކުރާ ކަމަށެވެ.

އެހެންވެ ދައުލަތުގެ ހަރަދުތައް ބޮޑުވެގެންނޭ ރައްޔިތުން މިއަދު ދިމާވާ މައްސަލަ ދިމާވެގެން މިއުޅެނީ. ދައުލަތުގަ ނެތީއޭ އެ ހަރަދު ކޮންޓްރޯލްކުރުމުގެ ނޫނިއްޔާ އެ ބޭފުޅުންނަށް ލިބޭ ފައިސާ ހިފެހެއްޓުމުގައި އެއްވެސް ކަހަލަ އުސޫލެއް.

ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު

މިދިޔަ އަހަރު އެކަނިވެސް އެސްއޯއީތަކަށް 650 މިލިޔަން ޑޮލަރު ދީފައިވާ ކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ އާންމު ރައްޔިތުންނަށް ދީފައިވަނީ 447 މިލިޔަން ޑޮލަރު ކަމަށެވެ. މެންބަރު ވަނީ އެވަރަށް ޑޮލަރު އެސްއޯއީތަކަށްދީފައި ދެން އާންމު ރައްޔިތަކަށް ޑޮލަރެއް ލިބޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

އެހެންކަމުން އެސްއޯއީ ތަކުން ކުރާ ހަރަދު ބަލަންޖެހޭ ކަމަށާއި ސަރުކާރުން ތަންތަނަށް އެންބެސަޑަރުންލުން ހުއްޓިގެންނޫނީ ކިތަންމެ ގާނޫނެއް މަޖިލީހުން ފާސްކުރިޔަސް މި މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ. މެންބަރު ވަނީ ދިވެހި ރުފިޔާ އަގު ވެއްޓޭ މައްސަލައަށް އެންމެން އެއްކޮށް މައްސައްކަތްކޮށް ހައްލުކުރުމަށް އެދިފައެވެ.