ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޓެކްސް ނެގޭ ގޮތަށް "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް ހުށަހެޅި އިސްލާޙުގެ ބިލު 70 މެންބަރުންގެ އަޣުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ.

ދާއޫދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށްފަހު، ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި 71 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިގޮތުން އެ ބިލް ބަލައިގަތުމަށް 70 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ދެކޮޅަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ.

އެހެންކަމުން އެ ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން އިތުރަށް ދިރާސާކުރުމަށް ފޮނުވާފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީ އަށެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ޑެސްޓީނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް، މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބަޔާންކުރުމަށާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުމެވެ.

އެކަމަށްޓަކައި ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ބިލުގައި، އޮފްޝޯ ބުކިން ޕްލެޓްފޯމްތައް، ފޮރިން ޓުއާ އޮޕަރޭޓަރުން، އަދި އޯވަސީސް ޓްރެވަލް އެޖެންޓުތައް ހިމަނާފައިވެ އެވެ. އަދި މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ހިމަނާފައިވެ އެވެ.

މި ބިލުގައިވާ ގޮތުން، އޮފްޝޯ ބުކިން ޕްލެޓްފޯމާތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި އޯވަސީސް ޓްރެވަލް އެޖެންޓުތަކަކީ ރާއްޖޭގައި ތިބޭ ފަރާތްތަކެއް ނޫނެވެ. އެހެންކަމުން އެ ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާނީ އެކަމާ ގުޅިގެން އެ ފަރާތްތަކާއި މީރާއާ ގުޅިގެން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ.

އެގޮތުން، އެ ފަރާތްތަކުން ވިއްކާ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުން މި އެންގޭޖްމަންޓުތައް ކުރިއަށް ގެންދާ މިންވަރަކުން އަންދާޒާ ކުރެވޭ ފުރިހަމަ އާމްދަނީގެ އަދަދު ލިބިމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ބިލުގައިވާ އިރު، އޭރުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެެގެންދާނެކަން ވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތަށް ޖީއެސްޓީ ނަގަން ފެށުމުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީގެ ތަފްސީލުތައް މި ބިލުގައި ހިމަނާފައިވެ އެވެ. ދައުލަތުގެ އާމްދަނީއަށް އަހަރަކަށް އިތުރުވާނެ ކަމަށް ލަފާ ކޮށްފައިވާ ކަންކަމަށް ބަލާލާއިރު، އޯވަސީސް ޓްރެވަލް އޭޖެންޓުންގެ ފަރާތުން 299.3 މިލިއަން ރުފިޔާ، ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ފަރާތުން 1.3 ބިލިއަން ރުފިޔާ، އަދި މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

ބިލުގައި، ތަންފީޒުކުރުމަށް މީރާއިން އިދާރީ ހަރަދެއް ކުރަން ޖެހިދާނެ ކަމަށް ބުނެފައިވެއެެވެ. އެގޮތުން މި މަަސައްކަތަށް ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހަރަދުވެދާނެ ކަމަށާއި، މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ބިލުގައި، ބުނެފައިވެ އެވެ.

މީގެ އިތުރުން، އެކަން ތަންފީޒުކުރަން މީރާއިން އިދާރީ ހަރަދެއް ކުރަންޖެހުނު ކަމަށް ވިޔަސް، އެ ބިލުގެ ސަބަބުން ދައުލަތަށް ޖީއެސްޓީގެ ގޮތުގައި ލިބޭ އާއްމުދަނީ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބިލުގައިވެ އެވެ. އަދި އެގޮތަށް ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެންނެވެ.