ޙައްޖަށް ދިއުމަށް ފައިސާ ދައްކައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކިއުގައި އެމީހުން ތިބި ހިސާބު ބަލައިލެވޭނެ އެއްވެސް ނިޒާމެއް ނެތުމާއި، އެއްވެސް ނުފޫޒެއް ނެތި ކިއު ކުރިއަށްދާކަން ކަށަވަރުނުކުރެވޭތީ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކަމާއި ބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށް ހާޒިރުކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިހާރު ބަލަހައްޓަމުން ގެންދާ ޙައްޖު ކިއުއަކީ އާންމުންނަށް ފެންނަން އޮންނަ ކިއުއަކަށް ނުވުމުގެ ސަބަބުން، ޙައްޖު ކޯޓާ ދޫކުރުމުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ސިޔާސަތެއް އޮތްކަމާމެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

އެގޮތުން، ކިއުގެ ދެފުށް ފެންނަ މިންވަރާބެހޭ ގޮތުން ޙައްޖަށް ދިއުމަށް ފައިސާ ދައްކައިގެން އަހަރުތަކެއް ވަންދެން މަޑުކޮށްގެން ތިބި ރައްޔިތުންނަށް، އެމީހުން ކިއުގައި އޮތް ހިސާބު ސާފުކޮށް ބަލައިލެވޭނެ ދެފުށް ފެންނަ ނިޒާމެއް މިއަދާ ހަމައަށް ޤާއިމުކުރެވިފައި ނުވަނީ ކީއްވެގެންތޯއާއި އިންސާފުވެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ކިއު ކުރިއަށްދަނީ އެއްވެސް ނުފޫޒެއް އަދި ވަކި ފަރާތަކަށް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި އިންސާފުވެރިކަމާއެކުކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކޯޕަރޭޝަނުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަކީ ކޮބައިތޯ؟ އަދި ކިއު ފުންމާލުން ފަދަ ކަންކަން ހުއްޓުވުމަށް އޮތް ޔަޤީންކަމަކީ ކޮބައިތޯ ކުޑޫ ވަނީ ސުވާލު އުފައްދަވާފައެވެ.

ޒާތީ މަޢުލޫމާތު ރައްކާތެރިކޮށް ލިސްޓު ޢާންމުކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓު ޢާންމުކުރާ އުޞޫލުން، ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމާއެކު ޙައްޖު ކިއު ލިސްޓު ޢާންމުނުކުރެވެންވީ ކޮން ސަބަބަކާ ހުރެތޯ ވެސް މެންވަރު ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން އޮންލައިން ޕޯޓަލްއެއް ޤާއިމުކުރުމާ ގުޅޭ ގޮތުނާއި ކޯޓާ ބަހާލެވިފައިވާ ގޮތާ މެދުވެސް ކުޑޫ ސުވާލު ކުރެއްވިއެވެ.