ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެމްސީއެސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ ހުޅުމާލޭ ޖަލުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިޙްސާން ވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އޮފިސަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތައް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސް މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ފުރުޞަތު ހޯދައިދެއްވާނެ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ސަރުކާރުން މާލެ ސަރަޙައްދުގައި އަދި ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ކަރެކްޝަންސްގެ އޮފިސަރުން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރު އިހްސާން ތައުރީފުކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ހިމެނޭހެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞަބާޙް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު ޢަބްދުއްރަހްމާން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަލްއުސްތާޛާ އާޝަޔަތު ޝިޢުނާ އާއި، ޖަލުތަކުގެ ޑިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި އެ ޚިދުމަތުގެ ގިނަ އަދަދެއްގެ މުވައްޒަފުން އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.