ވިޒިޓް މޯލްޑިވްސްއިން ސުވިޒަރލެންޑްގެ ސީއީޖީ ގްރޫޕް އޭޖީ އަދި ސީއީޖީ ސްޓޭކް އޭޖީއާއެކު ފަހުމުނާމައެއް ގާއިމުކޮށް، "ޑިޖިޓަލް އޯނަރޝިޕް ސަމިޓް 2026" ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ވިސިޓް މޯލްޑިވްސް އިން އަންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިއީ ޑިޖިޓަލް އެސެޓްތަކާއި ރިއަލް-ވާރލްޑް އެސެޓް (އާރް.ޑަބްލިއު.އޭ) ޓޯކަނައިޒޭޝަން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، އިންވެސްޓްމަންޓްގެ މުސްތަގުބަލު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވިސިޓް މޯލްޑިވްސް އިން ބުނީ މި ސަމިޓް ކުރިއަށްދާނީ 12 ޑިސެމްބަރު 2026ގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށެވެ. އަދި ސަމިޓުގައި މާލީ ދާއިރާއާއި، ފަތުރުވެރިކަމާއި، ޓެކްނޮލޮޖީ އަދި އިންވެސްޓްމަންޓް ދާއިރާގެ ބައިނަލްއަގްވާމީ 100 ލީޑަރުން ބައިވެރިވާނެ ކަން ފާހަގަކޮށް ވިސިޓް މޯލްޑިވްސް އިން ބުނީ ސަމިޓްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަތުރުވެރިކަމުގެ ތަރައްގީއާ ބެހޭ އެޑްވައިޒަރ މުހައްމަދު ހަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން، މިސަމިޓުގައި ސިޔާސަތު އެކުލަވައިލާ ފަރާތްތަކާއި، ރެގިއުލޭޓަރުން، ރާއްޖޭގެ އެސެޓް ވެރިން، އިންސްޓިޓިއުޝަނަލް އިންވެސްޓަރުން އަދި ޓެކްނޮލޮޖީގެ މާހިރުން ބައިވެރިވާނެ ކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެ އެވެ.

ވިސިޓް މޯލްޑިވްސް އިން ބުނީ މަޝްވަރާތައް އަމާޒުކުރެވޭނީ ރިސޯޓުތަކާއި، ފަޅުތަކާއި، މެރީނާތަކާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކުގެ އިތުރުން ބްލޫ-އެކޮނޮމީގެ ދާއިރާތައް ޑިޖިޓަލް އޯނަރޝިޕް މޮޑެލްތަކުގެ ތެރެއިން ރައްކާތެރިކަމާއެކު ފައިނޭންސް ކުރެވޭނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ.

މި ބައްދަވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެގުމެއްކަމުގައިވާ "މޯލްޑިވްސް 2.0" ގެ ދަށުން ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ޒަމާނީކޮށް، މުޅި ގައުމު ޑިޖިޓަލައިޒް ކުރުމަށާއި ގައުމީ އިގްތިސާދު ޑިޖިޓަލައިޒްކޮށް، އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރުމަށް އެކުލަވައިލާފައިވާ ހަަރަކާތެއް ކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވަނީ ބައިނަލްއަގްވާމީ ކެޕިޓަލްއާއި އީޖާދީ ހިޔާލުތަކަށް ފުރުސަތު ދީގެން. މި ބައިވެރިވުމުގެ މަގްސަދަކީ ރާއްޖޭގައި ބޭއްވޭ އިތުބާރުހުރި ބައިނަލްއަގްވާމީ ސަމިޓެއް އުފެއްދުމެވެ. މި ސަމިޓުގައި ސިޔާސަތު އެކުލަވައިލާ ފަރާތްތަކާއި، ރެގިއުލޭޓަރުން، އެސެޓްތަކުގެ ވެރިން، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް އަދި އިންވެސްޓަރުން އެއްވެ، ޑިޖިޓަލް އޯނަރޝިޕާއި ރިއަލް-ވާރލްޑް އެސެޓް ޓޯކަނައިޒޭޝަން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދު ކުރިއެރުވުމަށް ދިރާސާކުރެވޭނެއެވެ. މި ސަމިޓުގެ އަސާސީ މަގްސަދަކީ ދިރާސާކުރުމާއި، މައުލޫމާތު ފޯރުކޮށްދިނުމާއި، އާރާސްތުކުރަނިވި މަޝްވަރާތައް ކުރުމެވެ. މިއީ ވަކި ޓޯކަންއެއް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓެއް އިޝްތިހާރުކުރުމަށް ބާއްވާ ސަމިޓެއް ނޫނެވެ. މިކަމުގެ ބޭނުން ތަންފީޒުކުރެވޭ ކޮންމެ ހާލަތެއްގައިވެސް ކުރިއަށްދާންވާނީ ސާފު ގަވާއިދުތަކާއި، ހާމަކަމާއި, ހަރުދަނާ ގަވަރނަންސާއި، އިންވެސްޓަރުންގެ ރައްކާތެރިކަމުގެ އިތުރުން ރާއްޖެއަށް މިކަމުން ވަޒަންކުރެވޭނެފަދަ ދިގުމުއްދަތަކަށް އިގްތިސާދީ ފައިދާ ގެންއުމަށެވެ . މިއީ ބައިނަލްއަގްވާމީ ހަރަކާތްތަކާއި މައިސް (MICE) ފަތުރުވެރިކަން ރާއްޖެއަށް ގެނައުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ފުޅާ ތަސައްވުރުގެ މުހިންމު ބައެކެވެ."

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ

ރިއަލް-ވާރލްޑް އެސެޓް ޓޯކަނައިޒޭޝަންގެ މުހިންމުކަން ރާއްޖެއަށް އިތުރުވަމުންދާކަން ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރުވެސް ފެންނަމުންދެއެވެ. އެގޮތުން، 2025 ނޮވެމްބަރު މަހު ދާރްގްލޯބަލް އަދި ދަ ޓްރަމްޕް އޯގަނައިޒޭޝަނުން 'ޓްރަމްޕް އިންޓަރނޭޝަނަލް ހޯޓެލް މޯލްޑިވްސް' އިއުލާނުކޮށްފައިވާއިރު، 2026 ފެބްރުއަރީގައި ވާރލްޑް ލިބަޓީ ފައިނޭންޝަލްއާއެކު ވަނީ މާލީ މޮޑެލްއެއް ހުށަހަޅާފައެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާއި، އުއްމީދީ ތަރައްގީގެ ފުރުސަތުތަކުގެ އިތުރުން މުސްތަގުބަލަށް އަމާޒުކޮށްފައިވާ ގައުމީ ޑިޖިޓަލް ތަސައްވުރެއް އެކުވެފައިވާ ފާހަގަކޮއްލެވޭ މަންޒިލެކެވެ. ޑިޖިޓަލް އޯނަރޝިޕް ސަމިޓް ފަރުމާކުރެވިފައިވަނީ ތިއަރީ މަޝްވަރާތަކުގެ އިތުރުން، ކަމާގުޅުންހުރި އިސް ބޭފުޅުންނާއި، އެސެޓްތަކުގެ ވެރިންނާއި ތަރައްގީކުރާ ފަރާތްތަކުގެ އިތުރުން، ޑިޖިޓަލް އޯނަރޝިޕްގެ މުސްތަގުބަލުގެ އޮނިގަނޑު ބިނާކުރާ މާލީ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އިތުބާރުހުރި މަޝްރޫއުތައް ދިރާސާކުރެވޭނެ، އެކަށީގެންވާ އޮނިގަނޑުތަކާ މެދު މަޝްވަރާތައް ހިންގުމާއް ހާއްސަ މާހައުލެއް ގާއިމުކުރުމެވެ."

ސީއީޖީ ގްރޫޕްގެ ކޯ ފައުންޑަރ ކައި ޒިމަރ

ސަމިޓުގެ ޕްރޮގްރާމް ފެށިގެންދާނީ ބައިނަލްއަޤްވާމީ މަރުޙަލާގައި ބޭއްވޭ ކީނޯޓް އެޑްރެސްތަކާއި، ސިޔާސަތުތަކާ ގުޅޭ މަޝްވަރާތަކާއި، މާލީ އިދާރާތަކުގެ ތަޞައްވުރުތަކުގެ އިތުރުން ޓޯކަނައިޒްޑް ފަތުރުވެރިކަމާއި ރަށްތަކުގެ އެސެޓްތަކުގެ ޢަމަލީ ބޭނުންތަކަށް އަލިއަޅުވައިލެވޭ ސެޝަންތަކުންނެވެ. މީގެ އިތުރުން ޑީލް ރޫމްތަކާއި، މަޝްރޫޢުތަކުގެ ޕްރެޒެންޓޭޝަންތަކާއި، އެސެޓްތަކުގެ ވެރިންނާއި އިންވެސްޓަރުންގެ މެދުގައި ބޭއްވޭ ވަކިވަކި ބައްދަލުވުންތަކާއި، ޓެކްނިކަލް މަސައްކަތު ސެޝަންތަކުގެ އިތުރުން ކަނޑައެޅޭ ސައިޓްތަކަށް ޒިޔާރަތްކުރުން ހިމެނިގެންދާނެއެވެ. ސަމިޓުގެ ފަހު ދުވަސް ޚާއްޞަކުރެވިފައިވަނީ ދެފަރާތުގެ މެދުގައި ބޭއްވޭ މަޝްވަރާތަކާއި އިސްތިރާތީޖީ ބައްދަލުވުންތަކަށެވެ.

ސީއީޖީ ގްރޫޕަކީ "ވިޒިޓް މޯލްޑިވްސް ކްރިއޭޓަރސް ސަމިޓް" އަދި "ކްރިއޭޓަރސް އެވާރޑްސް" ގެ ޕްރެމިއަރ ސްޕޮންސަރ ގެ އިތެރުން، މިއީ ބައިނަލްއަގްވާމީ ފާހަގަކޮށްލެވޭ ކޮންޓެންޓް ކްރިއޭޓަރުންނާއި، ޑިޖިޓަލް ސްޓޯރީޓެލަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އަދި އުފެއްދުންތެރި ދާއިރާގެ އިސްފަރާތްތައް ރާއްޖޭގައި ބައްދަލުވުމަށް ވިޒިޓް މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަށް ލިބޭ މުހިންމު އެހީތެރިކަމެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްއަށް މި ބައިވެރިވުމަކީ ރާއްޖެއަކީ މަތީ ފެންވަރުގެ ވިޔަފާރި ހަރަކާތްތަކާއި، ބައިނަލްއަގްވާމީ އިންވެސްޓްމަންޓް މަޝްވަރާތަކާއި، މުސްތަގުބަލަށް އަމާޒުކުރެވޭ އީޖާދީ ކަންކަމުގެ މަންޒިލެއްގެ ގޮތުގައި ފާހަގަކޮށް، ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ލިބޭ ބާރެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އިތުރުން، ދުނިޔޭގެ ލީޑަރުން ބައްދަލުވެ، ހިޔާލު ބަދަލުކޮށް، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ މުސްތަގުބަލާ ގުޅޭ މުހިންމު މަޝްވަރާތައްކުރެވޭ މައި މަރުކަޒުގެ ގޮތުގައި ފެނިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ސީއީޖީ ގްރޫޕް އޭޖީއަކީ ސުވިޒަރލެންޑްގެ ޒޫގްގައި ރަޖިސްޓްރީކޮށްގެން ހިންގާ، ރިއަލް އެސްޓޭޓާއި، ބައިނަލްއަގްވާމީ އިންވެސްޓްމަންޓާއި، ކުންފުނި އުފެއްދުމާއި، ބްރޯކްރޭޖާއި، ފްރެކްޝަނަލް މިލްކުވެރިކަމާއި ޑިޖިޓަލް އެސެޓްތަކުގެ ދާއިރާގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ. އެކުންފުނީގެ "ސީއީޖީ ސްޓޭކް" ޕްލެޓްފޯމް އަމާޒުކުރަނީ މުދަލާއި ވިޔަފާރިތަކުގެ މިލްކުވެރިކަން ޑިޖިޓަލް އިންވެސްޓްމަންޓް އޮނިގަނޑުތަކާ ގުޅުވައިދޭ މޮޑެލްތަކެއްގެ މައްޗައް ބިނާކުރެވިގެން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

ވިޒިޓް މޯލްޑިވްސް ބުުނީ ޑިޖިޓަލް އޯނަރޝިޕް ސަމިޓް މެދުވެރިކޮށް، ވިޒިޓް މޯލްޑިވްސްއާއި ސީއީޖީ ގްރޫޕްގެ އަމާޒަކީ މަސްއޫލުވެރިކަމާއެކު މަޝްވަރާކުރެވޭނެ ފްލެޓްފޯމެއް ގާއިމުކޮށް، ދުނިޔޭގެ ކަންކޮޅުތަކުގެ މާލީ އިދާރާތަކާއި، އިންވެސްޓަރުންނާއި، ވިޔަފާރިވެރިން އަދި އީޖާދުކުރާ ފަރާތްތަކާއި ރާއްޖެ ގުޅުވައިދިނުން ކަމަށެވެ.

ސަމިޓުގައި މަޝްވަރާކުރެވޭ ކޮންމެ އިންވެސްޓްމަންޓް ކޮންސެޕްޓެއް ނުވަތަ މަޝްރޫޢެއްވެސް ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުތަކާއި، ރެގިއުލޭޓަރީ ހުއްދަތަކާއި، ޑިއު-ޑިލިޖެންސްގެ މިންގަނޑުތަކުގެ އިތުރުން ބައިނަލްއަޤްވާމީ މާލީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މި ސަމިޓުގައި ބައިވެރިވުމަކީ ވަކި މާލީ އުފެއްދުމެއް އިޝްތިހާރުކުރުމެއް ނުވަތަ ގާނޫނީ އަދި މާލީ އިރުޝާދަކާއި ނުލާކަން ވިޒިޓް މޯލްޑިވްސް އިން ފާހަގަކުރެއެވެ.