ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާކަމުގެ މަގާމަށް ދ.މާއެނބޫދޫ މަލާޒް، އާދަމް ޝަމީމް އައްޔަންކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ދ.މާއެނބޫދޫ، މަލާޒް / އާދަމް ޝަމީމް އައްޔަނު ކުރައްވާފައިވަނީ، އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް އެކުލަވާލެވުނު އިންޓަވިއު ޕެނަލްއިން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތީން އެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއުއިން އެންމެ މަތިން މާކްސް ހޯއްދަވާފައިވާތީ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 10 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އޭޕްރިލް މަހު އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް އައްޔަންކުރައްވާފަ އެވެ.
ޝަމީމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާ، ރައީސް ޔާމީންއާ ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ވަކީލުންގެ ޓީމުން އެނާ ދުރަށް ވަޑައިގެންނެވި އެވެ.
އާދަމް ޝަމީމް އަކީ ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ގާނޫނީ ވަކީލެއް ކަމަށް ވީއިރު އޭނާ އަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
"އާދަމް ޝަމީމް ލީގަލް" ގެ ނަމުގައި އަމިއްލަ ލީގަލް ފަރާތެއްގެ ގޮތުން ބާ ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން ގާނޫނީ ހިދުމަތްދެމުން ގެންދެއެވެ. އަދި ގާނޫނީ މަސައްކަތްތަކުގައި ކޯޓުތަކުގައި ދިފާއީ، ތަމްސީލީ ވަކީލެއްގެ ގޮތުން މަސައްކަތްކުރައްވާފައިވެ އެވެ. މީގެއިތުރުން ޝަމީމް އަކީ ރާއްޖޭގެ ހައިކޯޓާއި އެކި ކޯޓުތަކުގައި ވަކާލާތުވެސް ކުރައްވާ ބޭފުޅެކެވެ.