ކޮންމެ ގާނޫނެއް ވެސް ހެދި ދާނެ ކަމަށާއި ނަމަވެސް ހިތާމައަކީ މިއިން އެެއްވެސް ގާނޫނަކަށް އަމަލު ނުކުރުން ކަމަށް ހުޅުދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޝާހިދު ވިދާޅުވީ، އުފައްދާ ގާނޫނުތައް ތަންފީޒު ނުކުރެވޭ ކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. ދާދި ފަހުން ރާއްޖޭގެ ރިސޯޓުތަކުން ޑޮލަރު މާރު ކުރުމަށް އެމްއެމްއޭ އިން ފާސްކުރި ގާނޫނަށް އަމަލުކުރެވޭތޯ ސުވާލު އުފައްދަވާ މެންބަރު ވިދާޅުވީ، އެ ގާނޫނަށް 60އަށް ވުރެ ގިނަ ރިސޯޓުން އަމަލު ނުކުރާކަމަށެވެ.
މެންބަރު ވިދާޅުވީ، ގާނޫނެއް އަލަށް އުފަންކުރިޔަސް ރައްޔިތުންނަށް އޭގެ މަންފާ އަދި ގައުމަށް އޭގެ ހެވާއި ލާބަ އެންމެ ރަނގަޅަށް ލިބޭނީ މިފަދަކަންކަން ތަންފީޒުކޮށްގެންކަމަށެވެ.
މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހަކީ އެއްވެސް ހާލެއްގައި ޓެކްސް އިތުރަށް ބޮޑުކޮށް ރައްޔިތުންނަށް ދަތި އުނދަގޫ ތަކެއް ކުރިމަތި ކުރުމަށް ހުށަހެޅި އިސްލާހެއް ނޫން ކަމަށް މެންބަރު ޝާހިދު ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައިރު ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތް ފޯރުކޮށް ނުދެވި މިހާ ގިނަ ދުވަސް ވެގެން މިދިޔައީ ވެރިކަން ކުރަން ހަވާލުކުރާ ފަރާތްތަކުގެ ސަބަބުން ކަމަށް ވިދަޅުވެ މެންބަރު ވަނީ އެބޭފުޅުންގެ ހިތު ތެރޭގައި އިތުބާރާއި ޔަގީންކަމާއި އިހްލާސްތެރިކަމާއި ތެދުވެރިކަން ނެތުމުގެ ސަބަބުން ކަމަށް ދެންނެވުމަކީ ކުށަކަށް ނުވާނެ ކަމަށެވެ.
މިފަދަ ނިންމުމެއް ނިންމަން އެއްވެސް ބޭފުޅަކަށް ނުކެރޭ ކަމަށް މެންބަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ފެނިގެން މިދަނީ އަދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނެވި ވައުދުތައް ފުއްދެވުމަށްޓަކައި ރެޔާ ދުވާލު އެފަދަ އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ކަމަށް މެމްބަރު ވިދާޅުވިއެވެ.