މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި އިބްރާހިމް މާހިރު މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.

ފަނޑިޔާރު މާހިރު ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވި ނިންމެވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ގަބޫލުކޮށްފައިވާ އިރު، އެ ނިންމުމާ އެއްގޮތަށް، އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން އޭނާ މަގާމުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގަންނަވާނެއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވިތާ 11 މަސް ދުވަހުގެ ތެރޭގައި އޭނާ ރިޓަޔާކުރައްވަން ނިންމެވި ސަބަބު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފަނޑިޔާރު އިބްރާހިމް މާހިރަކީ ޝަރުއީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ހައި ކޯޓަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އިރު، ފެމިލީ ކޯޓުގެ އިސް ގާޒީކަމުގެ މަގާމު ވެސް މާހިރު ވަނީ ފުރުއްވާފައެވެ.