ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް 2 ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
2 މެންބަރުންގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެޗްއާރްސީއެމްގެ މެންބަރެއްގެ މަގާމުގެ އޮކްޓޯބަރު މަހަށް ހަމަވާތީއެވެެ.
އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން މިދިޔަ ޖުލައި މަހު ހުޅުވާލުމުން އެކަމަށް އިޖާބަދިން ބޭފުޅުންގެ ތެރެއިން 2 ބޭފުޅެއްގެ ނަން ރައީސް ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ރައީސް ހުށަހަޅާފައިވަނީ ހ.މީނާޒް، ޝަމްއޫން ހަމީދް އަދި ގދ. ތިނަދޫ އަސޭގެ، ސަމާއު އަހްމަދު ނަޖީބްގެ ނަންފުޅެވެ. ސަމާޢު އަކީ މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އޭނާގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ހަމަވާނެއެވެ.
މަޖިލީހަށް ނަންތައް ފޮނުއްވުމުގައި ރައީސް އިސްކަން ދެއްވި ތަރުތީބަށް ބަލާއިރު އެއްވަނައިގައި އޮތީ ޝަމްޢޫންގެ ނަމެވެ. މިހާރުވެސް މެމްބަރަކަށް ހުންނެވި ސަމާއުގެ ނަން އޮތީ ދެވަނައިގައެވެ. ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުއަދާކުރެއްވިއެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ހިޔުމަން ރައިޓް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އެޗްއާރުސީއެމް އެކުލެވިގެންވަނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. މިވަގުތު އެޗްއާރްސީއެމްގައި ތިއްބެވި ބޭފުޅުންނަކީ ޑރ. އައިޝަތު ރަމީލާ، މުހައްމަދު ޝަފީގް މަމްހޫދް، ސަމާއު އަހްމަދު އަހްމަދު ނަޖީބް އަދި އިސްމާއިލް ހަބީބް އަބްދުލް ރަހީމް އެވެ.