އެން އާލާކޮށް، މަސްވެރިންނަށް އެން ދޫކުރާ މަރުކަޒެއްގެ ގޮތުގައި ގއ. މާނަގަލާ އަންނަ ޑިސެމްބަރު މަހު ހުޅުވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، މަސްވެރިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެން ނުލިބުން ކަމުގައި ފާހަގަކޮށް، އެން ނަގާ ސަރަހައްދުތަކުން ވެލިނަގައި ހިއްކުމުގެ ސަބަބުން އެކަމަށް އެއްވެސް ވަރެއްގެ ލަފައެއް ނުވަތަ ދިރާސާއެއް ކުރެވިފައިވޭތޯ ސުވާލުކުރައްވާފައެވެ. އަދި އެކަން ހުއްޓާލާ އެންވެރިކަން އިތުރު ކުރުމަށްޓަކައި ކުރެވެނީ ކޮންކޮން ކަމެއްތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައާއި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްދާއިރު އެންވެރިކަން ކުރާ ސަރަހައްދުތަކަށް އޭގެ އަސަރު ކުރޭތޯ ބައްލަވާ ކަމަށެވެ. އަދި ކޮންމެ މަޝްރޫއެއްވެސް ކުރިއަށް ދަނީ އީއައޭއާ އެކީގައިކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، އެފަދަ މަޝްރޫއެއް އެންދަމާ ސަރަހައްދަކާ ކައިރިވާނަމަ އީއައިއޭއިން ވުޒާރާއާ ވެސް އެ މަޝްވަރާތައް ކުރާ ކަމަށެވެ.
އެފަދަ ކަންބޮޑުވުންތައް އަންނަ ކަމުގައި ވީނަމަވެސް، ސަރުކާރުން އެ މަރުހަލާތައް ކުރިއަށްގެންދާއިރު ވުޒާރާއާ އެކީގައި މަޝްވަރާކޮށް އެކަމަށް ހައްލު ހޯދައިދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުން އެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާނަގަލާގެ އިތުރުން އެފަދަ ތަހުލީލެއް މަނިޔަފުށި ބޭރުގައި ވެސް ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެން އާލާކުރުމުގެ ދިރާސާ ކުރާތާ މިހާރު 8 މަސް ވާނެ ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެކަން ފެންނަނީ ކާމިޔާބު ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.