ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީހީ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު އޮތީ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން، މިއަދު މެންދުރުފަހުއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަހީމު އަބްދުﷲ އާއި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އަދި ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވި ބޭބޭފުޅުންނާއި، ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި ޑިޕްލޮމެޓުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި ބޭބޭފުޅުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި "ވާހަކަ ވައު" ބައްލަވާލައްވައި، މި ތާރީހީ ހިނގާލުން ތަޖުރިބާކުރައްވާފައެވެ.
ދިވެހި ތާރީހީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކުރެވިފައިވާ "ވާހަކަ ވައު" އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސްކޮށްދިނުމަށްޓަކައި ތާރީހުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަހްރުވެރި ނަސްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވެއެވެ.
މިއީ ފަންނުވެރިކަމާއި ގުދުރަތީ ރީތިކަމާއި ތާރީހު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ޕާކެއް ކަމަށްވީ އިރު، މި މަޝްރޫއަކީ ރައީސް ގައުމިއްޔަތަށް ދެއްވާ ހާއްސަ އަހަންމިއްޔަތާއެކު ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
"ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއު"ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ގައުމީ ތާރީހުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.