2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާ، އެ ޕާޓީގެ ރައީސްގެ މަގާމުން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ އިސްތިއުފާ ދެއްވައިފި އެވެ.

ޝާހިދު ވާދަކުރައްވާނެ ކަން އިއުލާން ކުރައްވަން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އިގުތިސާދީ އިޖުތިމާއީ ގިނަ މައްސަލަތަކާ އެކު ރާއްޖޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި އެކަން އަނެއްކާވެސް ހައްލު ކުރެވޭނީ އެމްޑީޕީ އަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން އެދުނު ކޮންމެ ބަދަލެއް ގެނައުމުގެ މޭސްތިރިންނަކީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރައްވަން ނިންމެވީ އެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިއަދު ދިވެހިރާއްޖެ މި އޮތް ހާލަތު ބަދަލުކުރުމަށްޓަކައި ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންނާ އެކު، އެއް ޖޯޝެއްގައި އެއް ރޫހެއްގައި އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މި ވަނީ ޖެހިފައި. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ އަޒުމުގައި، މާތް ﷲގެ ހަޒުރަތުން ވާގި އެދި ހުރެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،"

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، އޭނާ އަށް އެމްޑީޕީގެ ތެރެއިން ހުރިހާ ފިކުރެއްގެ މެމްބަރުން ގޮވައިގެން މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް ރާއްޖެ އަށް ޑިމޮކްރަސީގެ ރީތި އުސޫލުތައް އުފަން ކުރުވާ ޕާޓީ ކަމަށާއި އެ ޕާޓީގެ ހުރިހާ ކަމެއް ވެސް އަބަދުވެސް ކުރިއަށް ދާން ޖެހޭނީ އެ އުސޫލުތަކާ އެއްގޮތަށް ކަމަށް ޝާހިދު ވިދާޅުވެފައިވާ އިރު ޕާޓީގެ މިނިވަން އިންސާފުވެރި ހަމަހަމަ އިންތިހާބީ ފުރުސަތުތަކާއި އެ އުސޫލުތައް ދަމަހައްޓަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވަނީ، އެމްޑީޕީގެ އިސް މަގާމެއްގައި ހުންނަވައިގެން އެ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ ގަބޫލުު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ޕާޓީގެ ރައީސްކަމުގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުގައި މަސައްކަތްކޮށްފައި ވާނީ މިދެންނެވި އުސޫލުން. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން އިއުލާނުކުރުމާ އެކު، މިއަދުން ފެށިގެން ފެށިގެން ޕާޓީގެ ރައީސްކަމުން އަޅުގަނޑު އިސްތިއުފާދީފިން،"

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގަ އާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ފުރަތަމަ ސިޔާސީ މަސައްކަތް ކުރެއްވީ މައުމޫނުގެ އަރިހުގަ އެވެ. އެގޮތުން މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގައި އިސްކޮށް މަސައްކަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.