ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން، ހާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ހިދުމަތުގެ ގައުމީ އިނާމު، ގ. އިލާ، އަލްމަރްހޫމް އިހްސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފިއެވެ.
ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ އިހްސާން އަބްދުލްގަނީއަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. މަޖީދިއްޔާ ސްކޫލް އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅައިގެ ތެރެއަށް ވެދެވަޑައިގެންނެވި ނަމަވެސް، ޒުވާން އުމުރުފުޅުގައި އިޙްސާން ހާއްސަވެވަޑައިގަތީ ކޯޗިންގެ ދާއިރާއަށެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި އިހްސާން އަބްދުލްގަނީގެ ހިއްސާ ބޮޑެވެ. އެގޮތުން 2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު، ދެކުނު ކޮރެއާއާއި ދެކޮޅަށް ކުޅެ ރާއްޖެއިން އެއްވަރުކުރި ތާރީހީ މެޗުގައި އެސިސްޓެންޓް ކޯޗަކީ އިހްސާން އަބްދުލްގަނީ އެވެ.
މީގެއިތުރުން، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓަކީވެސް އިހްސާން އަބްދުލްގަނީ އެވެ. އަދި އޭގެ 10 އަހަރު ފަހުން، ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އޭނާ ހުންނެވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައެވެ.
ކްލަބް ފެންވަރުގައި ބަލާއިރު، ކްލަބް އީގަލްސްއަށް އައު ޒުވާން ކުޅުންތެރިން ތައާރުފުކުރައްވައި، އެ ކުޅުންތެރިންނާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރެއްވުމަކީ އިހްސާންގެ ކޯޗިން ހަޔާތުގެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
އަލްމަރްހޫމް އިހްސާން އަބްދުލްގަނީ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯޗިންގ ކޭމްޕުތައް ހިންގަވައި، އަތޮޅުތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯއްދަވައި މާލެ ގެންނަވައިގެން އެ ކުޅުންތެރިން ފުޓްބޯޅައިގެ ތަރިންނަށް ހައްދަވައިދެއްވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ހިދުމަތްތެރިއެއް ކަމަށްވީ އިރު، އެމަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށާއި، އަންނަން އޮތް ޖީލުތަކަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައެވެ.
އަލްމަރްހޫމް އިހްސާން އަބްދުލްގަނީ (ސާންތީ) އަވަހާރަވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.