ގައުމީ ލޯތްބާ ދިވެހިން ދުވަހަކުވެސް ވަކިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގައުމީ ދުވަސް ބުނަނީ، ދިވެހި ކާބަފައިން އަބަދުވެސް ތިބީ ގައުމާ އެއްކޮޅަށް ކަމަށާއި، ގައުމީ ލޯތްބަކީ ދިވެހީން އަބަދުވެސް، އެ ރޫހާ އެކު އުފާކުރާ މަތިވެރި ލޯތްބެއްކަމަށެވެ.
ރައީސް ވަނީ ޕޯޗުގީޒުންގެ ވާގިވެރިކަން ހޯއްދެވި 9 ވަނަ ހަސަން ރަސްގެފަނަށް ދިވެހިން ދިން ރައްދު ޖަވާބަށް، އަދި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތަށް، އެކަމުގައި ދިވެހިން ނެގި ގަރާރަށް ނުވަތަ ގައުމީ ނިންމުމަށް އަލިއަޅުވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ އޭރު ޕޯޗުގީޒުންގެ ހިމާޔަތުގައި އޭނާ ހުންނެވި އިރުގައި، އޭނާ ދިވެހީންގެ ދީނުގެ ހުރުމަތް ކަނޑާފައިވާ ކަމަށާއި، އޭނާ ދިވެހި ތަހުތުގެ ބޭނުމުގައި ބޭރު ބާރަކާ އެކު ގައުމަށް ގެއްލުންހުރި ގުޅުންތަކެއް އުފައްދާފައި ކަމަށެވެ. އޭނާ އަކީ ރާއްޖޭގައި ރަސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އޭނާ އަށް ތާއީދު ކުރި ބަޔަކާ، ސިޔާސީ ގޮތުން އިދިކޮޅު ވިސްނުމެއް އޭރު ރައްޖޭގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އޭރު ތަހުތުގައި އިންނެވި އަލި ރަސްގެފާނުގެ ކުރިން ދިވެހި ތަހުތުގައި އިންނެވި އަބޫބަކުރު ރަސްގެފާނު، އަލި ރަސްގެފާނުގެ ވާދަވެރިއެއްގެ ގޮތުގައި އޭރު ރާއްޖޭގައި ފުރަ މާލޭގައި ހުންނެވި ކަމަށެވެ. އެހާލަތުގައި ދިވެހި ސިޔާސީ ވެރިންނާ، އާންމު ރައްޔިތުން އިސްކުރެއްވީ ގައުމު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަސް ބައްދަލުކޮށްފައި ވަނީ، ދިވެހި ފަހުރުވެރި ކާބަފައިންނެކޭ އެއްފަދައިން ގައުމީ ލޯބިން ހިތްތައް ފުރާލަން ދަސްކޮށްދީ، ގައުމީ ލޯތްބަށް އާއެކޭ ބުނުމުގެ މަތިވެރި ނަސީބު ހަނދާން ކޮށްދޭން ކަމަށެވެ.
މީގެ އިތުރުން، ގައުމީ ދުވަހުގެ ކާބަފައިން ދައްކާދޭ އަނެއް ހަގީގީ މަންޒަރަކީ މަދު މީހަކު ގޯޅިއަޅައިގެން ދިޔަސް ދިވެހި ކާބފައިންގެ އަޖުދާދުންނަކީ އަބަދުވެސް ގައުމީ ވިސްނުން އިސްކުރި ބައެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމުގެ ހައްގުގައި ލެއާ، ދާ އޮހޮރާލުމަކީ ދިވެހި ގައުމީ ސިފައެއް ކަންވެސް ދައްކާދޭ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމީ ލޯތްބާ ދިވެހިން ދުވަހަކުވެސް ވަކި ނުވާނެ ކަން ކާބަފައިން ދިވެހި ގައުމާމެދު ކަންތައް ކުރަމުންދިޔަ ގޮތުން ހާމަވެފައިވާ ކަމަށެވެ.